ތާރީޚީ ކާމިޔާބީއެއް – ދުނިޔޭގެ އެންމެ މަގްބޫލު ގައުމަކަށް މިއަހަރު ރާއްޖެ

ވޯލްޑް ޓްރެވެލް އެވޯޑްސް 2020 ގައި ދިވެހިރާއްޖެއަށް އެންމެ މަގުބޫލު ގައުމުގެ އެވޯޑް ލިބިއްޖެ އެވެ. މިއީ ރާއްޖެއަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.

ޝަރަފުވެރި މި އެވޯޑު ރާއްޖެއަށް ލިބުނުކަން އިއުލާން ކޮށްފައި ވަނީ މިރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑސްއިން ދޭ އެންމެ ޝަރަފުވެރި މި އެވޯޑް ރާއްޖެއިން ހާސިލް ކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 22 މަންޒިލަކާ ވާދަކޮށްގެންނެވެ. ރާއްޖެއާ ވާދަކުރި އެހެން މަންޒިލްތަކުގެ ތެރޭގައި ދުބާއީ، މެލޭޝިޔާ، ސްޕެއިން، މޮރިޝިއަސް އަދި ސްރީލަންކާ ފަދަ މަގުބޫލް މަންޒިލްތައް ހިމެނެ އެވެ.

މި އެވޯޑް ލިބުމާ ގުޅިގެން އެމްއެމްޕީއާރުސީއިން ނެރުނު ބަޔާނެއް މެދުވެރި ކުރައްވައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި އެވޯޑް ލިބުމުން ހާމަވެގެންދަނީ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަގުބޫލުކަން ބޮޑުވެފައިވާ މިންވަރު ކަމަށެވެ. އަދި ބަލިމަޑުކަމުގެ މި ދަނޑިވަޅުގާ ވެސް ރާއްޖެއަށް ޒިޔާރަތް ކުރަން މީހުން ކެތްމަދުވެފައި ތިބި މިންވަރު މި އެވޯޑުގެ ސަބަބުން އިތުރަށް ހާމަވެގެން ގޮސްފައިވާކަން ވެސް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 40 ކެޓަގަރީއަކުން ރާއްޖެ ވަނީ ނޮމިނޭޓްވެފަ އެވެ. އަދި ގްރޭންޑް ފިނާލޭގައި ވަނީ ޑެސްޓިނޭޝަން ކެޓަގަރީގެ އަށް ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ. މީގެއިތުރުން 30 ކެޓަގަރީއަކުން ރާއްޖޭގެ 50 ރިސޯޓަކާއި ހޮޓާތައް ނޮމިނޭޓްވެފައިވާއިރު ވޯލްޑް ކެޓަގަރީގެ ތިން ކެޓަގަރީއެއްގައި ރާއްޖޭގެ ތިން ރިސޯޓެއް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ތަންތަނާ ވަނީ ވާދަކޮށްފަ އެވެ. އަދި ޓުއަރިސްޓުންނަށް ހިދުމަތްދޭ ރާއްޖޭގެ ގިނަ ތަންތަނަށް ވަނީ އެވޯޑްތަކެއް ކާމިޔާބުކޮށްފަ އެވެ.

އެ ގޮތުން އެ އެވޯޑްތައް ލިބިފައިވަނީ:

  • ވޯލްޑްސް ލީޑިން ނިއު ރިސޯޓް 2020: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2020: ދަ ސެެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
  • ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް 2020: ބަރޮސް މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2020: ޖޭއޭ މަނަފަރު
  • ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2020: ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2020: ޓްރާންސް މޯލްޑިވިއަން އެއާވޭސް
  • ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2020: ހުޅުލެ އައިލެންޑް ހޮޓެލް
ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް