ޕްރިންޓެކް – ހުވަދޫ އަތޮޅުގެ ޕްރިންޓިންގ ހަބް!

ޕްރިންޓެކް -- ގާފު ފޮޓޯ: އަހުމަދު ޝުރާއު

ގދ. ތިނަދޫއަކީ ތަރައްގީ ވަމުން އަންނަ މި ދިވެހިރާއްޖޭގެ ނިސްބަތުން އެންމެ ބޮޑަށް ތަރައްގީ ވެފައިވާ ރަށްތަކުގެ ތެރެއިން އެއް ރަށެވެ. އެ ރަށަކީ މުޅި ހުވަދު އަތޮޅުގެ ވިޔަފާރީގެ މައި ހަބެވެ. އެކި ދާއިރާތަކުގެ ވިޔަފާރިތައް ތިނަދޫގައި ކުރެއެވެ. ތިނަދޫގެ ފަސްގަނޑަށް އަރައިފި މީހަކަށް ތިނަދޫއިން ނުލިބޭނެ އެއްވެސް އެއްޗެއް، ޚިދުމަތެއް ނުހުންނާނެ އެވެ.

ތިނަދޫގައި ކުރަމުންދާ ވިޔަފާރިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ވިޔަފާރި އަކީ "ޕްރިންޓެކް" ގެ ވިޔަފާރި އެވެ. ޕްރިންޓިން ދާއިރާގައި އެތަނުން ނުކުރެވޭކަށް ވަކި ކަމެއް ނެތެވެ. ޓީޝާޓް ޕްރިންޓާއި ޔޫވީ ޕްރިންޓާއި އެންގްރޭވިން އަދި ކެންވަސް ޕްރިންޓްވެސް އެތަނުން ކޮށްދެއެވެ. މި ޚިދުމަތްތަކަކީ އެ ކުންފުނިން ދޭ ޚިދުމަތްތަކުގެ ތެރެއިން އަދި ކުޑަ މިންވަރެކެވެ.

އެ ވިޔަފާރިއާ ގުޅޭ ގޮތުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، އަހުމަދު ޖުނައިހު ޒާހިރު "ގާފު" އަށް މައުލޫމާތު ދެމުން ބުނީ ޕްރިންޓެކް ގެ ވިޔަފާރި ފެށުނީ ވަރަށް އާދައިގެ ޕްރިންޓަރަކާ އެކު ކަމަށެވެ އެންމެ ޕްރިންޓަރަކުން ފެށި ވިޔަފާރި މިހާރު ވެފައި މިވަނީ މުޅި ހުވަދޫ އަތޮޅަށް ޕްރިންޓިން ޚިދުމަތްދޭ މައި ކުންފުންޏަށެވެ. ޕްރިންޓިން ޚިދުމަތްތައް އެކަންޏެއް ނޫނެވެ. އައިޓީގެ ޚިދުމަތްތަކާއި ޕްރިންޓަރުތަކަށް ބޭނުންވާ ޓޯނަރާއި ކާޓްރިޖްވެސް އެތަނުން ލިބެން ހުރެއެވެ.

ޕްރިންޓެކްގައި މިހާރު ބޭނުން ކުރަމުން އަންނަ ފޮޓޯ ކޮޕީ މެޝިންތައް — ގާފު ފޮޓޯ: އަހުމަދު ޝުރާއު

ޕްރިންޓެކް ވުޖޫދަށް އައި ގޮތް:

ޖުނައިހު ކިޔައިދިން ގޮތުގައި ޕްރިންޓެކް އަކީ އޭނާ ވިޔަފާރި ކުރަމުން އައިސް ވަކި ހިސާބަކުން ފެށި ވިޔަފާރިއެއް ކަމަށެވެ. ޖުނައިހުގެ ފުރަތަމަ ވިޔަފާރި އަކީ "ގްލޮރީ އެކްސް" އެވެ. ގްލޮރީ އެކްސް އަކީ ޕްރިންޓަރުތަކުގެ ޓޯނަރާއި ކާޓްރިޖް ވިއްކުމުގައި މަސްއޫލުވާ ކުންފުންޏެކެވެ. އެ ވިޔަފާރީގައި ޖުނައިހު ދެ ތިން އަހަރު ހޭދަ ކުރިއެވެ.

"ކާޓްރިޖް ގެނެސްގެން ދެއަހަރު ތިން އަހަރު ވަންދެން ވިޔަފާރި ކުރަމުން އައިސް ދިމާވީ ހަސަން އާ. މަޝްހޫރު ނަމުން ނަމަ ޕްރޯކޮމް ހަސަން. އޭރު ހަސަން އައީ  ޓެކްސްޓްރީމް ހިންގަމުން. އެއީ އައިޓީގެ ޚިދުމަތްދޭ ކުންފުންޏެއް. އޭރު ހަސަން ހުރީ ޓެކްސްޓްރީމް ވިޔަފާރި ހުއްޓާލާ ކަހަލަ ވިސްނުމެއްގައި. ހުއްޓާ ކޮންމެވެސް ކަމެއްގައި ދިމާވެފަ ދެކެވުނު ވާހަކައެއްގެ ތެރެއިން ދެ މީހުން ވެގެން ޕްރިންޓިންގ އާއި އައިޓީގެ މަސައްކަތްތައް އެއްކޮށް ހިންގުމަށް އެއްބަސްވީ،"

ޖުނައިހު ކިޔައިދިން ގޮތުގައި ޕްރިންޓެކްގެ ނަމަކީވެސް ހަސަންގެ އައިޓީ މަސައްކަތްތަކާއި ޖުނައިހުގެ ޕްރިންޓިން މަސައްކަތްތައް އެކުލެވޭ ގޮތަށް ރަމްޒުކުރާ ނަމެއް ކަމަށެވެ.

އަހަރެން ޕްރިންޓިން، ހަސަން އަކީ ބޮޑަށް އައިޓީ ޓެކްނިކަލް މީހެއް. އެއީ ޕްރިންޓެކް އައި ގޮތަކީ. އެއީ ޕްރިންޓެކް ވުޖޫދަށް އައި ގޮތަކީ.

ޕްރިންޓެކުން ހަދާފައިވާ ބައެއް ތަކެތި — ގާފު ފޮޓޯ: އަހުމަދު ޝުރާއު

އައިޑިއާ:

ކޮންމެ މީހަކީވެސް ސްކޫލު ނިމުމަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނަ މީހެކެވެ. އެގޮތުން ޖުނެއިހުގެ ޅައުމުރުގައި، ސްކޫލް ނިމުމަށްފަހު އޭނާ ފުރަތަމަ ވަޒީފާއެއް އަދާ ކުރީވެސް މާލޭގެ ޕްރިންޓުކުރާ ތަނެއްގައެވެ. އޭރު އެ ތަނުގައި ހޭދަކުރި މުއްދަތުގައި ޕްރިންޓިންގ ދާއިރާއަށް އޭނާގެ ޝައުގުވެރިކަން އިތުރުވިއެވެ. ދުވާލަކު 8 ގަޑިއިރަށްވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރަން ޖެހުނެވެ. ނަމަވެސް ޖުނައިހު އެ މަސައްކަތް ކުރީ ކުރާ ހިތުންނެވެ.

އެތާ ޖޮބްގަ މަސައްކަތް ކުރަން ޖެހުނު ހެނދުނު 8:00 އިން ގޮސް ރޭގަނޑު 11:00 އާ ހަމައަށް. އެދޭތެރޭގަ މެންދުރު ލިބޭނީ އެއް ގަޑިއިރުގެ ބްރޭކެއް. ދެން ލިބޭނީ 5:30 އިން ފެށިގެން 08:00 އާ ހަމައަށް ބްރޭކެއް. ވަރަށް ހާޑު އެތަނުގަ މަސައްކަތްތައް. ވަރަށް ކުރާ ހިތްވި މަސައްކަތެއް އެއީ. އަޅުގަނޑަށް މާ ހާޑެއްނޫން އެކަމަކު. އެހެން ނަމަވެސް އެތާ މަސައްކަތުގައި މާ ގިނަ ވަގުތު ހޭދަ ކުރާތީ މަންމަ މެން ވަރަށް ކަންބޮޑުވޭ އޭރު. އެ ކަންބޮޑުވުމާއެކު މަންމަމެން އަޅުގަނޑު އެތަނުން ކަނޑާލީ. 11:00 އަށް ނިމެޔޭ ބުންޏަށް މަސައްކަތް ނިމޭ އިރު ހުންނަނީ ގިނަ ރޭ 12:00 ވެސް ވެފަ.

ޕްރިންޓިންގ ޚިދުމަތެއް ވިއްޔާ ހުރިހާ ޕްރިންޓިން ޚިދުމަތެއް ޖުނައި ދަސްކުރީ އެ ތަނުގައި މަސައްކަތް ކުރި ދުވަސްވަރު އެވެ. ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ އެހިސާބުންނެވެ. ޕްރިންޓެކްގެ ބިންގާ އޭރުވެސް އޮތީ އެޅިފައެވެ. ނަމަވެސް އޭރު މިއަދު އޭނާ އެހުރި ހިސާބަށް އާދެވޭނެ ކަމުގެ އެއްވެސް ހިލަމެއްވެސް އޭނާ އަށް ނެތެވެ.

ޕްރިންޓެކްގައި ބޭނުންކުރާ ސްޓިކާ ކަޓިން މެޝިން — ގާފު ފޮޓޯ: އަހުމަދު ޝުރާއު

ފެށީ އެއްވެސް އެއްޗެއް ނެތި

ޖުނައިހު ކިޔައިދިން ގޮތުގައި މުޅި ވިޔަފާރި ފެށީ އެކި ތަންތަނުން ހޯދި ޕްރިންޓަރަކާއި އެންމެ ފޮޓޯކޮޕީ މެޝިނަކުންނެވެ. އޭގެ އިތުރުން އެތަނުގައި އޭރު ބޭނުން ކުރީ އާދައިގެ ބައިންޑް ކުރާ މެޝިނަކާއި އާދައިގެ އޭ4 ސައިޒްގެ ލެމިނޭޓް މެޝިނެކެވެ. ދެން މެޝިންތައް ހޯދީ ކްރެޑިޓަށް ނަގައިގެންނެވެ.

އަޅުގަނޑުމެން ފަށަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އޭރު ކާޓްރިޖް ވިއްކި އިރު އެތަކެތި ވިއްކަނީ ގުދަނަކުން. އޭރު ރަށްރަށުން އަންނަ މީހުންގެ ވަރަށް ބޮޑު ޝަކުވާއެއް އެތަނުން ފޮޓޯކޮޕީ ނުނެގޭތީ. ދެން ވަރަށް ހާލުން ފޮޓޯކޮޕީ ނަގާ ތަނަކަށްދާއިރު އެތަން ހުންނަނީ ބަންދުކޮށްފަ. ކޮންމެ ތަނަކަށް ދިޔަޔަސް ހުންނަނީ ބަންދުކޮށްފަ. ދެން ވަރަށް ބޮޑު ތަކުލީފަކަށް އެކަން ވަނީ އެމީހުންނަށް. މި ރަށް ބޮޑު ރަށަކަށް ވެފައި އެވަރުގެ ކަމެއް ނުވަންޏާ އެއީ ރަށަށްވެސް ލިބޭ ހަޑިނަމަކަށް ވާނީ. މީހުންނަށް ވާ ވަރަށް ބޮޑު ފަސޭހައެއް އަސްލު މިއީ.

ޕްރިންޓެކް ހުޅުވައިގެން ޖުނައިހުގެ މަގްސަދަކަށްވީ އެތަނަކީ އަބަދުވެސް ހުޅުވިފައި ހުންނަ، ކޮންމެ ގަޑިއެއްގައިވެސް ޚިދުމަތް ދެވޭ ތަނަކަށް ހެދުމެވެ. އެގޮތުން އެތަން ހުޅުވައިގެން ފުރަތަމަ ހިންގަން ފެށީ ދެ މުވައްޒަފުންނާ އެކުއެވެ. ބައެއް ފަހަރު ޚުދު ޖުނައިހުވެސް ކައުންޓަރުގައި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި މަސްއޫލުވެ އުޅުނެވެ. އެއީ ޚިދުމަތްތައް އެންމެ ފުރިހަމައަށް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

އޭރު ހަމަ ހުޅުވިފަ ހުންނާނެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށް އަޅުގަނޑު އެކަނި އިންނަން ޖެހުނަސް. ހުންނާނެ އަޅުގަނޑު އެކަނި އިނދެގެންވެސް ޚިދުމަތް ދީފަ.

ޕްރިންޓެކްގެ އެންގްރޭވިންގ ރޫމް — ގާފު ފޮޓޯ: އަހުމަދު ޝުރާއު

މެޝިނަރީ

ކުރިން ފާހަގަކުރެވުނު ފަދައިން އެންމެ ޕްރިންޓަރަކުން ފެއްޓި ވިޔަފާރި މިއަދު ވެފައިވަނީ މުޅި ހުވަދު އަތޮޅަށް ކޭޓަރ ކުރާ ބޮޑު ވިޔަފާރިއަކަށެވެ. މިއަދު ޕްރިންޓެކްގެ އިންވެންޓްރީ ގައި ފަސްލައްކައަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މެޝިންތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ލޭޒަރ އެންގްރޭވަރ، ކެންވަސް ޕްރިންޓަރ، ޔޫވީ ޕްރިންޓަރ، އަދި މި ނޫންވެސް އެތައް މެޝިނެއް އެތަނުގެ އޮޕަރޭޝަންގައި ބޭނުން ކުރެއެވެ.

ވަރަށް މަސައްކަތުން ވަރަށް ބައިވަރު ޗެލެންޖެސްތަކާއި މީހުންގެ ކޮމެންޓްތަކާއި ހިތްދަތި ދުވަސްތަކާއި އުފާވެރި ދުވަސްތަކާއެކު ބައިވަރު މީހުންގެ ސަޕޯޓާވެސް އެކު މި ހިސާބަށް ޕްރިންޓެކް މިއައީ. އަދިވެސް މި ވިޔަފާރި ކުޑަ. ބޭނުން ވަނީ ޓޮޕަށް ދާން، ބޮޑަށް އަޅުގަނޑުމެންގެ ވިޔަފާރި ޑިޕެންޑް ވެފައި މި އޮންނަނީ އޮފީސްތަކާއި ބޮޑެތި ވިޔަފާރިތަކަށް. ފުރަތަމަ ފަށައިގެން އުޅުނު އިރު އޭމީހުންނަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެންނަށް މި ޚިދުމަތްތައް ދެވޭނެއޭ. އެމީހުންނަށް ގަބޫލު ކުރެވެނީ މާ ރަނގަޅުވާނެޔޭ މާލެއިން ޚިދުމަތްތައް ލިބިގަންނަން. އެއީ ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުން. އަދިވެސް ކޮންމެވެސް ވަރަށް އެ ގޮންޖެހުން އެބަ އޮވޭ. ނަމަވެސް އަޅުގަނޑުމެންނަށްވެސް އެ ހިސާބަށް ދެވޭނީ އެފަރާތްތަކުގެ ސަޕޯޓާއެކުގައި ކަން އެ ފަރާތްތަކަށް އެބަ އެނގެން ޖެހޭ. މާލެ ނުގޮސް މި ރަށުން މި ޚިދުމަތްތައް ލިބޭކަން އެމީހުން ބަލައިގަންނަން އެބަ ޖެހޭ

ޕްރިންޓެކް އިން ލޭޒަރ ކަޓް ކުރުމާއި އެންގްރޭވް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ — ގާފު ފޮޓޯ: އަހުމަދު ޝުރާއު

ޚިދުމަތްތައް

ޕްރިންޓެކްގެ ޚިދުމަތްތަކަކީ ހަމަ އެކަނި ޕްރިންޓިންގެ ޚިދުމަތްތަކެއް ނޫނެވެ. ޕްރިންޓިންގ ޚިދުމަތްތަކުގެ އިތުރުން އައިޓީގެ ޚިދުމަތްތައްވެސް އެތަނުން ފޯރުކޮށްދެއެވެ. އެ ޚިދުމަތްތަކަކީ:

  • ސޮފްޓްވެއަރގެ ޚިދުމަތްތައް (މޯބައިލް ފޯނާއި ޕީސީ އަދި އެހެން އިލެކްޓްރޯނިކް ޑިވައިސްތައް)
  • ހާޑްވެއަރ ބަދަލުކޮށް މެއިންޓެއިނެންސް ކުރުން (މޯބައިލް ފޯނާއި ޕީސީ އަދި ޓީވީގެ އިތުރުން އެހެން އިލެކްޓްރޯނިކް ޑިވައިސްތައް)
  • ސެކުއިރިޓީ ކެމެރާ ހަރުކޮށްދިނުމާއި ކެމެރާ ވިއްކުން
  • ނެޓްވޯކް އަޅައިދިނުމާއި މެއިންޓެނެންސް ބެލެހެއްޓުން
  • ފޮތް ހެދުން (ބައިންޑް ކުރުމާއި ސްޓެންޑަޑް ފޮތް ހެދުން)
  • ޓީޝާޓް ޕްރިންޓް ކުރުން
  • ވިޔަފާރި ސްޓޭމްޕް ހެދުން
  • ގްރެފިކް ޑިޒައިނިންގް (ލޯގޯ ހެދުމާއި އެކި މުނާސަބަތުތަކަށް ކާޑު ތައްޔާރުކުރުން)
  • ޕްލާސްޓިކް ކޭކް ޓޮޕަރ ހެދުން
  • ވެހިކަލް ބޯޑު ތައްޔާރުކުރުން (ސްޓިކާ އަދި ޕްލާސްޓިކް ބޯޑުގައި)
  • ކެންވަސް ޕްރިންޓިންގް
  • ސްޓިކާ ޕްރިންޓިންގް
  • ސްޓިކާ ވިއްކުމާއި ކަފައިދިނުން
  • ފިހާރަތަކުގެ ބޯޑު ހަދައިދިނުން
  • ލޭޒަރ އެންގްރޭވިންގ
  • ޔޫވީ ޕްރިންޓިންގ
  • ލޭޒަރ ކަޓިންގް
  • ސައިނޭޖް
  • ފޮޓޯކޮޕީ، ޕްރިންޓިން، ސްކޭނިންގް
ޕްރިންޓެކްގެ ހާޑްވެއަރ ޓެކްނީޝަން މަސައްކަތުގައި — ގާފު ފޮޓޯ

މިހާރު އަތޮޅުގެ ހުރިހާ ސަރުކާރު އޮފީސްތަކަށް ސަޕްލައިކޮށްދޭ

ޖުނައިހު ބުނި ގޮތުގައި ޕްރިންޓެކުން މިހާރު މުޅި ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ޕްރިންޓަރ ކާޓްރިޖާއި ޓޯނަރުތައް ސަޕްލައިކޮށްދެއެވެ. އަދި ރަށުގެ ވިޔަފާރިވެރިންވެސް މިހާރު ވަރަށް "ސަޕޯޓިވް" ކަމަށްވެސް އޭނާ ބުންޏެވެ.

ތިނަދޫ ހޮސްޕިޓަލުން އެންމެ ފުރަތަމަ ސަޕޯޓެއް ލިބުނީ. މިހާރު މުޅި އަތޮޅުންވެސް އެންމެ ތަނެއް ފިޔަވައި އެހެން ހުރިހާ ސަރުކާރު އޮފީހަކާއި ވިޔަފާރިއަކީ އަޅުގަނޑުމެންގެ ކްލައިންޓުން. ގާތްގަނޑަކަށް ހުރިހާ އެންމެނާއެކު ހުންނާނެ އެކި ލެވެލްގަ ވިޔަފާރި ކުރެވިފަ. މިހާރު އެފަރާތްތަކުގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ. އަދި ރަށުގެ ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުންވެސް އެކި ކަންކަމުގައި ވަރަށް ބޮޑަށް ސަޕޯޓް ލިބޭ.

ޕްރިންޓެކްގައި ބޭނުން ކުރާ ޔޫވީ މެޝިން — ގާފު ފޮޓޯ: އަހުމަދު ޝުރާއު

މުޖުތަމައުގެ ކުރިއެރުމަށް ކުރާ އިންވެސްޓު

ޕްރިންޓެކް އަކީ ގދ. ތިނަދޫގައި ހިންގާ ވިޔަފާރިއެކެވެ. ޖުނައިހުގެ މި ވިޔަފާރި ފެށިތާ މިހާރު ތިން އަހަރު ވެފައިވާއިރު، އެ ވިޔަފާރި ވުޖޫދަށް އައި ފަހުން ތިނަދޫގައި ކުރިއަށްދާ ކޮންމެ މުބާރާތެއްގައިވެސް ކޮންމެވެސް ސިފައެއްގައި ޕްރިންޓެކުން ބައިވެރިވެއެވެ. ޓީމްތަކަށް ސްޕޮންސަރ ދިނުމާއި މުބާރާތްތައް ރާވައި ކުރިއަށް ގެންދިއުމަށް އެކި ގޮތް ގޮތުން ޕްރިންޓެކުން އެހީތެރިވެދެއެވެ. އެގޮތުން މިހާރު ތިނަދޫގައި ކުރިއަށްދާ ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް ޓޯނަމެންޓް 2020 އަށްވެސް ޕްރިންޓެކުން ވަނީ ބޮޑު ސްޕޮންސަރ އެއް ދީފައެވެ. މުބާރާތުގެ ކޯ ސްޕޮންސަރ ކަން ނަގައި، މުބާރާތުގެ ހުރިހާ ޓްރޮފީތަކާއި މެޑަލާއި ޝީލްޑްތައްވެސް ހަދިޔާ ކުރަނީ ޕްރިންޓެކުންނެވެ.

ޕްރިންޓެކް އުފެދުނީއްސުރެ އަސްލު އޮވޭ ވަރަށް ބޮޑު ޒިންމާއެއް ވިޔަފާރިއެއްގެ ހައިސިއްޔަތުން. ކޮމިއުނިޓީއަށް އަބަދުވެސް އޮވޭ ރެސްޕޯންސިބިލިޓީއެއް. ކޮމިއުނިޓީއަށް ކޮންމެހެންވެސް ކަންތައްތަކެއް ކޮށްދޭން ޖެހޭ ކަމަށް ގަބޫލު ކުރެވޭ. މިއީ ޕްރިންޓިން ދާއިރާ، އެހެން ކަމުން މި ދާއިރާއިން މުޖުތަމައަށް ކޮށްދެވެން ހުރި ކޮންމެ ޚިދުމަތެއް ދިނުމުގައި ޕްރިންޓެކް ދެމި އޮންނާނެ. އެއީ ޕްރިންޓެކްއިން ދެކޭ ގޮތުގަ އަސްލު ވަރަށް ބޮޑު ޒިންމާއެއް. އެ ޒިންމާ އުފުލަން ޖެހޭނެ. އުފުލާނަން! މިތަނުގެ ރިސޯސެން ބޭނުންކޮށްގެން ކުރެވޭނެ ކޮންމެ ކަމެއްވެސް ކޮށްދޭނަން. އެއީ އެކަމުގެ ސަބަބުން ކުރިއަރައިގެން ދާނީ މުޖުތަމައު ކަމަށްވާތީ.

ޕްރިންޓެކް — ގާފު ފޮޓޯ: އަހުމަދު ޝުރާއު

ތިން އަހަރު ދުވަހުގެ ޕްލޭން ކާމިޔާބު!

ޕްރިންޓެކް ފެށިގެން އައިސް ޕްރިންޓިން މާކެޓުގައި މިއަދު އެކުންފުނި ވެފައިވަނީ އިތުބާރު ހިފޭ ކޮލިޓީ ޚިދުމަތް ދޭ ވިޔަފާރިއެއްގެ ގޮތުގައެވެ. މިއީ އެކުންފުނީގެ އިސްވެރިން އިމްޕްލިމެންޓު ކުރި ސިޔާސަތުތަކުގެ ސަބަބުން ކުންފުންޏަށް ލިބުނު ކުރިއެރުމެކެވެ. އެކުންފުނީގެ ފުރަތަމަ އަހަރު ޕްލޭން ކޮށްފައި އޮތީ އެންމެ ނޯމަލް ޕްރިންޓިންއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމެވެ. އެމަސައްކަތް ކާމިޔާބުވީ ކުންފުނީގެ ދެވަނަ އަހަރުއެވެ. މިހާރު ކުންފުންޏަށް ތިން އަހަރު ފުރެން ކައިރިވެފައިވާއިރު، ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށްޓަކައި ވިސްނާފައި އޮތީ ކެންވަސް ޕްރިންޓަރެއް ގެނައުމަށެވެ. އެކަން މިހާރު ކާމިޔާބު ވެއްޖެއެވެ. އަދިވެސް ކުރިއަށް އޮތް ތަނުގައި ޖުނައިހުގެ ވިސްނުމަކީ ޕްރިންޓެކްގެ ކެޕޭސިޓީ ބޮޑުކޮށް، ޕްރިންޓިންގ ދާއިރާގެ ޚިދުމަތްތައް ހޯދުމަށް މާލެ ނުގޮސް ރަށުން އެޚިދުމަތްތައް ލިބޭނެ ގޮތް ހެދުމެވެ. އެ މަންޒިލަށް ވާސިލްވުމަށް އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ޖުނައިހު ހުރީ އެހިސާބަށް ދިއުމަށް އަޒުމް ކަނޑައަޅައިގެން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.

ޕްރިންޓެކް އިން ވިއްކާ ބައެއް ޓޯނަރުތައް — ގާފު ފޮޓޯ: އަހުމަދު ޝުރާއު

ޚާއްސަ ޝުކުރު

ކޮންމެ ކާމިޔާބީއަކީވެސް ގިނަ ބައެއްގެ ހިތްވަރާއި އެހީތެރިކަމުން ލިބޭ އެއްޗެކެވެ. އެގޮތުން ޕްރިންޓެކްގެ ކުރު ހަޔާތުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ކޮޕިއަރ ޕްލަސް އިންނެވެ. އެގޮތުން ކޮޕިއަރ ޕްލަސްގެ ވެރިޔާ ހަސަން މުނީރާއި އެކުންފުނީގެ މާކެޓިން މެނޭޖަރ މުހައްމަދު ސަމާހަށް ޖުނައިހު ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރެއެވެ. މީގެ އިތުރުން ޒަޝް ޓޯނާސްގެ ވެރިޔާ އިސްމާއިލް ޒާހިރުއަށްވެސް ޖުނައިހު ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރެއެވެ.

ޖުނައިހު ކިޔައިދިން ގޮތުގައި ޕްރިންޓެކްގެ ކުރު ދަތުރުގައި އެ ދެ ފަރާތުގެ ވަރަށް އެއްބާރުލުމެއް ލިބިފައިވެއެވެ. އެ ދެ ފަރާތަކީ ޕްރިންޓެކް ވުޖޫދަށް އައުމުގައިވެސް އަގު ނުކުރެވޭ ފަދަ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ފަރާތްތަކެކެވެ.

ޕްރިންޓެކް ވުޖޫދަށް އައުމުގައި ކޮޕިއަރ ޕްލަސްއާއި ޒަޝް ޓޯނާސްގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބުނު. އަދި މިއަދާ ހަމައަށްވެސް އެ ދެ ފަރާތުން ޕްރިންޓެކަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ވަރަށް ބޮޑަށް ފާގަކުރަން. ބަލައިގަންނަން. އެ ދެފަރާތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަން.

ޕްރިންޓެކަށް "ގާފު" އޮންލައިންގެ ފަރާތުން އެދެނީ އުޖާލާ ކުރިމަގަކަށެވެ.

 

 

ކޮމެންޓް

One Response

  1. ޕްރިންޓެކް އައްކޫ ވަރަން ރަގަޅެ ހިދުމަތެ ލެބެނެ ތަނެކެ. ވަރަން އުފާވެއި މިކަހަލައި ތަނެކެ ތެނަދޫ ހުންނާމައި ????

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް