ޣައްޒާއަށް އާ އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެފައި

ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކާ ގުޅިގެން، އިސްރާއީލުން އެކަމަށް ރައްދު ދިނުމުގެ ގޮތުން ދެމުންދާ ހަމަލާތަކާއި، ޣައްޒާއިން ކަރަންޓާއި ފެން އަދި އެހެނިހެން އަސާސީ ޚިދުމަތްތައް އިސްރާއީލުން ކަނޑާލާފައިވާއިރު، ޣައްޒާއަށް އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އިޒްރާއީލުން ވަނީ މިދިޔަ ހޯމަދުވަހު ޣައްޒާއިން ފެނާއި ކަރަންޓާއި ކާބޯތަކެތި އަދި ތެޔޮ ކަނޑާލާފައިވާ ކަން އިއުލާނުކޮށްފައެވެ. ޣައްޒާ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބުނާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެސަރަހައްދަށް އެހީ ނުލިބޭ ކަމަށެވެ.

އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ގާތްގަނޑަކަށް 700 އެއްހާ މީހުން ޝަހީދުވެފައިވާ ކަމަށް އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޝަހީދުވި މީހުންގެ ތެރޭގައި 140 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ސަރަޙައްދަކީ ގާތްގަނޑަކަށް 2.3 މިލިއަން މީހުން ދިރިއުޅޭ ސަރަހައްދެކެވެ. އޭގެ ތެރެއިން 80 އިންސައްތަ މީހުން ބަރޯސާ ވަނީ އިންސާނީ އެހީއަށެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ހަމަލާދޭން ފެށި ފަހުން އިސްރާއީލުން ވަނީ ކާބޯތަކެއްޗާއި ބޭހުގެ އިތުރުން ޣައްޒާއަށް އެތެރެވާ ހުރިހާ ސާމާނެއް ހުއްޓާލާފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަރުވެ ނުވަތަ ޒަހަމްވެފައިވާ ކަމަށާއި ހަތް މެޑިކަލް ސެންޓަރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ގިނަ ބަޔަކު މިހާރު ތިބީ ކަރަންޓާއި އިންޓަނެޓް ނެތި ކަމަށާއި ވަރަށް އަވަހަށް ޒަރޫރީ ކާބޯތަކެއްޗާއި ފެނުގެ ހިދުމަތް އެއްކޮށް ހުސްވުމަކީ އެކަށީގެން ވާ ކަމެއް ކަމަށެވެ.

ފެނާއި ނަރުދަމާ އާއި ސާފުތާހިރުކަމުގެ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ހަތަރު ލައްކައަށް ވުރެ ގިނަ މީހުންނަށް ދޭ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށް ޑުޖާރިކް ވިދާޅުވި އެވެ.

އަދި ޣައްޒާ އިންޖީނުގެއަކީ މިހާރު ހަމައެކަނި ކަރަންޓު ލިބޭ ވަސީލަތް ކަމަށާއި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތެޔޮ ހުސްވެ ހިދުމަތް މެދުކެނޑިދާނެ ކަމަށްވެސް ޑުޖާރިކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޯލްޑް ފުޑް ޕްރޮގްރާމުން މިހާރުވެސް ފަލަސްތީނުގެ އެތެރޭގެ ގެދޮރު ގެއްލިފައިވާ އެއްލައްކައަށް ވުރެ ގިނަ މީހުންނަށް ކާބޯތަކެތި ބަހަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތްތައް އަށް ގުނަ އިތުރުވެގެންދާނެ ކަމަށެވެ.

އިސްރާއީލުން އެޅި އެންމެ ފަހުގެ ފިޔަވަޅުތަކުގެ ކުރިންވެސް ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ ނާމާންކަމާއި ދަތުރުފަތުރުކުރުން މަނާކުރުމާއި ފެނުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ހޮސްޕިޓަލްތަކަށް ބޭހާއި ސިއްހީ ސާމާނާއި ތެލުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.

އަދި އިޒްރޭލުން "ކަރަންޓް ލައިންތައް އަލުން ފަށަން" ގޮވާލައި، ބޭހާއި ތެލާއި ކަރަންޓު ޖަނަރޭޓަރުގެ ގޮތުގައި އިމަޖެންސީ ބޭނުންތައް ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް އެ ވުޒާރާއިން ގޮވާލާފައިވެ އެވެ.

މިފަހަކަށް އައިސް އިސްރާއީލުން ވަނީ ޣައްޒާއަށް ބަދަލުހިފުމުގެ ގޮތުން ބޮޑެތި ވައިގެ ހަމަލާތަކެއް ދީފައެވެ. އާދީއްތަ ދުވަހުގެ ރޭ ޣައްޒާއަށް ބޮޑެތި ހަމަލާތަކެއް ދީފައިވާއިރު، މިއީ ފާއިތުވި އަހަރުތަކުގައި ޣައްޒާއަށް ކުރިމަތިވި އެންމެ ބޮޑު ހަމަލާއެވެ.

ހަމާސްގެ އަމާޒުތަކަށް ހަމަލާދެމުން އަންނަ ކަމަށް އިސްރާއީލުން ބުނި ނަމަވެސް އާންމުން ދިރިއުޅޭ ސަރަހައްދުތަަކަށް ހަމަލާދޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ބުނީ ޣައްޒާގެ ރެފިއުޖީ ދެ ކޭމްޕެއް ކަމަށްވާ އަލްޝާތީ (ބީޗް ކޭމްޕްގެ ނަމުން ވެސް މަޝްހޫރު) އަދި ޖަބަލިއާ ކޭމްޕަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވެ މަރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޣައްޒާގައި ހުންނަ އދ.ގެ ސްކޫލަކަށް ވައިގެ ހަމަލާތައް ދީފައިވާއިރު، އެތަނުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭ ގޮތަށް އެތައް ސަތޭކަ އާންމުން ދިރިއުޅެމުން ދިޔަ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އދ އިން ވަނީ އެ ހަމަލާ ކަށަވަރުކޮށްދީ، ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން މިސްކިތްތަކާއި ގެތަކަށް ވެސް ހަމަލާދީ ގެއްލުން ދީފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ 19 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް