logoEN
cocacola
ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެނުނީ އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުން ނުވާ މަންޒަރު - ރައީސް

ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެނުނީ އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުން ނުވާ މަންޒަރު - ރައީސް

# ރިޔާސީ އިންތިޚާބު 2023

Ibrahim Mohamed Solih

ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެންނަނީ އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުން ނުވާ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމްޑީޕީން ރޭ މާލޭގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ - އުފާވެރި ބޮޑު ޖަލްސާ" ގައި ވާހަކަ ދައްކަވަމުންނެވެ.

އެޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރާއްޖޭގެ 16 އަތޮޅެއްގެ ހުރިހާ ރަށަކަށް އެމަނިކުފާނަށް މިހާރު ވަޑައިގެންނެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކޮންމެ ރަށަކުންވެސް ފެންނަނީ އަނިޔާވެރިކަމަށާއި، ހެޔޮ ބޮޑެތި ބަދަލުތަކެއް ރަށްތަކަށް އައިސްފައި އޮތް މަންޒަރު ކަމަށެވެ.

އަޅުގަނޑަށް ފެންނަނީ، އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުން ނުވާ މަންޒަރު. ފެންނަނީ ބޮޑު ހެޔޮ ބަދަލުތަކެއް ރަށްތަކަށް އައިސްފައި އޮތް މަންޒަރު. ސިޔާސީ ހަމަޖެހުމުގެ ފައިދާ ހުރިހާ ދިމާއަކަށް ފޯރާފައި އޮތްތަން. ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލާ އަޅުގަނޑުމެން ގެނައި ތަރައްގީގެ މަޝްރޫއުތަކާ ދޭތެރޭ ރައްޔިތުން ހިތްހަމަޖެހިފައި ތިބި މަންޒަރު - ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން ތިބީ ވަކި ގޮތަކަށް ނިންމައިގެން ކަމަށެވެ. އެގޮތުން އެޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި އެމަނިކުފާނަށް ސަޕޯޓުކުރައްވާ ބޭފުޅުންވެސް ތިއްބެވި ގޮތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިރާދަކުރެއްވިއްޔާ އެމްޑީޕީއާ ގުޅިފައިވާ ޕާޓީ ނޫން ބައެއް. އެއްބުރުން ނޫން ބުރެއް މިފަހަރަކު ނެތް. މުޅި ރާއްޖޭގެ ރަސްމީ ނަތީއްޖާ ރަމްޒުވަނީ ފުރަ މާލޭގައި މިރޭ ރޭ ބޭއްވޭ ޖަލްސާގެ މި މަންޒަރަށް. - ރައީސް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހުވެސް ވަނީ ކުރީ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް މައުމޫނުގެ ސަރުކާރުގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރުމަށް އެމަނިކުފާނު އަދާކުރެއްވި ދައުރާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

އަދި އޭގެ ފަހުގައި އެމްޑީޕީ ވެރިކަމަށް އައިސް ވެގެންދިޔަ ކަންތައްތަކެއްގެ ސަބަބުން ވެރިކަން ވެއްޓިގެން ދިއުމާއި އޭގެ ފަހުން ރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެކަންތައްތަކަކީ އެންމެހާ ދިވެހިން ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. އަދި ޚާއްސަކޮށް ސިފައިންނާއި ފުލުހުން އެކަންތައްތަކާމެދު ވިސްނަންޖެހޭ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންތައްތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މިއަދު ރައްޔިތުން ކުއްލި ނުރައްކަލުގެ ހާލަތު ދެދުވަހުން އެއްދުވަހު އިއުލާނުކުރަން ބޭނުންނުވާ ކަމަށާއި، ކައުންސިލްތައް ގަނޑުކޮށް ސަސްޕެންޑް ކުރާ ގައުމަކަށް މިގައުމު ވެގެންދިއުމަށް ވެސް ދިވެހިން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މުވައްސަސާތައް އަޅުވެތިކޮށް، ކޯޓުތަކުގެ ފުރާޅުން ޓިނު ނަގައި. ފަނޑިޔާރުން ބިންމަތިކުރާތަން ދެކޭކަށެއް ދެނެއް ރައްޔިތުން ބޭނުމެއް ނުވޭ. ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހަކީ ގުޅަ ކުޅޭ ފަސްގަނޑަކަށް ހަދާކަށް ރައްޔިތުން ދެނެއް ބޭނުމެއް ނުވޭ - ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އޭރު އޮތީ ގޭންގުތަކުގެ ބާރު ކަމަށާއި، އެއީ ނާމާން ބިރުވެރި ހާލަތެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެކަން އެއީ މާޒީ ކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ