ދަރިފުޅާއެވެ! މަންމަގެ ހިތުގައި ނުޖައްސާށެވެ!

އިންސާނާ ގަރުބަ ގަތީއްސުރެ މެދުނުކެޑި މަންމަގެ ލޯތްބާއި އަޅާލުން ލިބެއެވެ. މަންމަ އެއްފަހަރުވެސް ބިޒީ ނުވެއެވެ. ދަރިންނަށް އެކަން އިހުސާސް ނުވަނީ ހެއްޔެވެ. މުސްކުޅިވެ ގައިބާރު ދެރަވިދުވަހު މަންމަ އެކަނިވީއެވެ. ނޫނީ ކޮންމެވެސް ބިދޭސީއެއްގެ ބެލުމުގެ ދަށުގައެވެ. ތިޔަ ދަރިފުޅު 9 މަސް ދުވަހު އެ ހަށިގަނޑު ތެރޭ ބާއްވައިގެން މަންމަ އެޅި ވޭނާއި މަންމަ އުފުލި ބުރަ ތިދަރިފުޅަށް އިހްސާސް ނުވަނީހެއްޔެވެ؟ ތިޔަ ދަރިފުޅު  މި ދުނިޔެއަށް ނޭވާލި ވަގުތު މަންމަ ތަހައްމަލް ކުރި ވޭނާއި ކެކުޅުން ކުޑަކޮށްވެސް އިހުސާސް  ނުވަނީހެއޔެވެ.

ތުއްތު ކުއްޖެއް ގޮތުގައި ތިދަރިފުޅު އެ މަންމަގެ ނިދިނަގާލީ ކިތައްރޭ ހެއްޔެވެ. ތީ އެމަންމަގެ ލޮޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. މަންމަގެ ދިރި ހުރުމުގެ އަސްލެވެ. މިއަދު ތި ދަރިފުޅަށް މަންމައަށް ދޭނެ ވަގުތެއް ނެތީހެއްޔެވެ. މަންމަ ކަމަކު ބުނުމުން އަތްފޮޅާލާފައި ދާއިރު އެމަންމަ ހިތައް ކުރާނެ އަސަރު ވިސްނާލިންހެއްޔެވެ. ކުޑަކުއްޖެކަމުގައި  ތިބާވީ ދުވަހު ބަލިވުމުން އެމަންމަ ނުދާތަނެއް ނެތެވެ. ނުކުރާކަށް ބޭހެއް ނެތެވެ. ތިއަ ދަރިފުޅުގެ ރުއިމުގެ އަޑު ނުކެޑެނީސް އެމަންމަގެ ލޮލުން އޮހެމުންދިޔަ ކަރުނަ ނުހިކެއެވެ. ދުޢާ ކުރަމުން ދިޔައީ ތިބާ ތަދާ ވޭނުން ފިއްލަވާތޯއެެވެ. މިއަދު މަންމަ ކައިރީ ހޮސްޕިޓަލުގައި  ޑިއުޓީ ކުރަންވީމާ ތިބާއަށް ވަގުތެއްނެތެވެ. އަމިއްލަ ދިރިއުޅުމާއިގެން ތިޔަ ދަރިފުޅު ބީޒީ ވެއްޖެއެވެ. އެމަންމަ ޝަކުވާއެއް ނުކުރެއެވެ. ތިވަރުވީ މީހެއްގެ އަޅާލުމާއި އޯގާތެރިކަން ނުލިބިނޫނެވެ. މަންމަ މިއަދު ތަނެއްގަ ރިއްސާތީ އުޅޭކަން ދެނަހުރިން ހެއްޔެވެ. މަންމަގެ ހާލު އެންމެ ފަހުން ބަލާލީ ކޮން އިރަކު ހެއްޔެވެ. މަންމަ ކައިރީ ވާހަކަ ދައްކާލަން އެންމެ ފަހުން އިނީ ކޮންއިރަކުން ހެއްޔެވެ. މަންމަދެކެ ލޯބިވެޔޭ އެންމެފަހުން ބުނީ ކޮންއިރަކުހެއްޔެވެ.

ވަގުތު ފާއިތު ނުވަނީސް މަންމައަށް ވަގުތުދޭށެވެ. ދުރުގަ އުޅޭނަމަ ދުވާލަކު އެއް މިނެޓު ވިޔަސް މަންމައަށް ހުސްކޮއްލާށެވެ. ގުޅާލާފަ މަންމްގެ ހާލުބަލާލާށެވެ. މަންމަދެކެ ލޯބިވާކަން މަންމައަށް އިހްސާސްކޮށްދޭށެވެ. އެހެން އެއްވެސް މީހަކު މަންމައަށް ވުރެ އިސްނުކުރާށެވެ. މަންމަގެ ހިދުމަތުގައި މުޅިއުމުރު ހޭދަކޮށްލިޔަސް އަދި މަންމަ ތިބާއަށް ދިން ލޯތްބާއި އަޅާލުމުގެ ޒައްރެއްގެ މިންވަރުވެސް ނުދެވެއެވެ. ކޮފީމޭޒުތަކުގައާއި މޯބައިލް ފޯނުގަ ތިޔަ ހޭދަކުރާ ވަގުތުން ވަގުތުކޮޅެއް މަންމައށް ހުސްކޮށްލާށެވެ. ތިބާ ބައިވެރިޔާއަށް ތިޔަ ހުސްކުރާ ވަގުތުން މަންމައަށް ވަގުތުކޮޅެއް ހުސްކޮށްލާށެވެ. ވަގުތު ފާއިތު ނުވަނީސް މަންމަގެ ރުހުން ހޯދާށެވެ. އެ މަންމައަކީ މިދުނިޔެމަތީ ތިބާގެ ސުވަރުގެކަން ނުދަންނަނީހެވެ. މި ލިއުން ކީޔާލުމަށްފަހު ލަސްނޮކޮށް ތިޔަ ފޯނުން މަންމައަށް ގުޅާފަ މަންމަދެކެ ލޯބިވާކަން ބުނެދޭށެވެ. ލަސް ނުކުރާށެވެ!

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް