
image_IVOWEbrdKvD7fBs
އިންޑިއާއިން އިތުރު 100،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި، އިންޑިއާގެ ފަރާތުން ރަމްޒީކޮށް ވެކްސިން ހަވާލުކޮށްދެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަބާނިއަމް ޖައިޝަންކަރް އެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ވެކްސިންތަކާ ހަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު އެޗް އޯ) އިން ހުއްދަ ދީފައިވާ މި ވެކްސިން މިހާރުވެސް ރާއްޖޭގައި އަންނަނީ ބޭނުން ކުރަމުންނެވެ. އެއީ އިންޑިއާއިން ދިވެހިރާއްޖެއަށް މީގެ ކުރިން ހަދިޔާކުރި 100،000 ޑޯޒްގެ ވެކްސިން އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. އަދި ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއްވެސް ހަދާފަ އެވެ.
ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ.
މިވަގުތު ރާއްޖޭގައި 60،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ މި ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.