
އިންޑިއާ ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ، ރާއްޖެއަށް ނުސީދާ އަސަރު ކުރާނެ - މެޓް
# މޫސުންcyclone mocha
އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ރާއްޖެއަށް އޭގެ ނުސީދާ އަދަރުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖެއާ ދުރުން އިރު ދެކުނު ބޭ އޮފް ބެންގާލް ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާކަމަށާއި، ތޫފާން "މޮކާ" ގެ ނަމުން ނަންދެވިފައިވާ މި ތޫފާން މަޑުމަޑުން ހުޅަނގު އުތުރަށް ޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިއަސް، މި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެގޮތުން ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވަައި ޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، މުޅި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާއްމުކޮށް ހުރިހާ ފަރާތްތަކުންވެސް ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.