
.jpg?w=3840&q=75)







FfnsO1ZagAAh2bm
ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފިއެވެ. "ވުނަދާނަ ފެސްޓިވަލް"ގެ ނަމުގައި ބާއްވާ މި ފެސްޓިވަލް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީ ގުޅިގެން ކުރިއަށްގެންދާ މި ފެސްޓިވަލްގައި ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ކެޓަގަރީއަށް ފެތޭ ހުރިހާ ވިޔަފާރިތަކަކަށް ބައިވެރިވެވޭނެއެވެ. ބީސީސީން ބުނީ މި ފެސްޓިވަލްއަށް ވިޔަފާރިތަކުގެ ތަރުހީބު ބޮޑުކަމަށެވެ. އެގޮތުން ފެސްޓިވަލްގައި ބައިވެރިވާން ހުޅުވާލިތާ 24 ގަޑިއިރުވެސް ނުވަނީސް 50 އަށްވުރެ ގިނަ ވިޔަފާރިތައް ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ބީސީސީން ބުނެއެވެ.
ފެސްޓިވަލްގައި ބައިވެރިވުމުގެ ތަރުހީބު ބޮޑުވުމުގެ ސަބަބުން ފުރުސަތުދޭނީ އެންމެ ފުރަތަމަ އަންނަ މީހުންނަށް އިސްކަންދޭ އުސޫލުންނެވެ. އަދި ފުރުސަތު ދެވެންއޮތް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ފުރުސަތު ދޭނެކަމަށް ބީސީސީން ބުނެއެވެ.
މި ފެސްޓިވަލް އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު އާރޓިފިޝިއަލް ބީޗްގައެވެ. 1 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓިވަލް އޮންނާނީ އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަކަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.
ބީސީސީއިން ބުނީ "ވުނަދާނަ ފެސްޓިވަލް" ގައި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ވިޔަފާރިތަކާއި ގުޅުންހުރި އެހެން ކުންފުނިތަކުންވެސް އެމީހުންގެ ސްޓޯލްތައް ބަހައްޓައިގެން މައުލޫމަތު ފޯރުކޮށްދޭނެކަމަށެވެ. މި ސްޓޯލްތަކުން އެ މުވައްސަސާތަކުން ފޯރުކޮށްދޭ ވިޔަފާރިއާއި ގުޅުންހުރި ޙިދުމަތްތަކާއި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދޭނެކަމަށެވެ.
ބީސީސީއިން ވަނީ ގެވެށި ވިޔަފާރިތަކަށް އަމާޒުކޮށްގެންވެސް މިފަދަ ފެސްޓިވަލްއެއް ބާއްވާފައެވެ. އެ ހަރަކާތައް ލިބުނު ތަރުހީބު ވަރަށް ރަނގަޅުކަމަށް ބީސީސީން ބުނެއެވެ. އަދި އެ ފެސްޓިވަލްއަށް ލިބުނު ތަރުހީބަށް ބަލައި ގިނަ ފަރާތްތަކުން މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމަށް އެދިފައިވާކަމަށްވެސް ބީސީސީއިން ބުނެއެވެ.

.jpg?w=3840&q=75)


