
ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އޮންނަ ނޭދެވޭ ތަޞައްވުރު ކުޑަކުރުމަށް މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިހެން ގޮވާލެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި "ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16ވަނަ ބައިނަލް އަޤްވާމީ ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފަސްޓް ލޭޑީ ސާޖިދާ ވަނީ ބަލީގެ ކުރީކޮޅުގައި އެހީތެރިކަން ހޯދުމަށް ހިތްވަރުދިނުމަށާއި، ރިފަރަލް ނިޒާމުތައް ހަރުދަނާކުރުމަށާއި، އަދި އަސާސީ ޞިއްޙީ ޚިދުމަތުގެ ތެރޭގައި ނަފްސާނީ ޞިއްޙަތު ހިމެނުމަށް އިސްކަންދޭ 'ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025 އިން 2029' ގެ އިތުރުން، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ އެހީގެ ޚާއްޞަ ހެލްޕްލައިންގެ ދައުރު ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން މި ދާއިރާއިން ލިބޭ ކުރިއެރުން ވަޒަންކުރަންވާނީ ރަނގަޅުކުރެވޭ ދިރިއުޅުންތަކާއި، އާކޮށްދެވޭ އުންމީދުތަކުން ކަމަށާއި، އެއްވެސް މީހަކު ދިރިއުޅޭ ތަނެއްގެ ސަބަބުން އެމީހަކަށް ވަގުތުން ލިބެންޖެހޭ އެހީތެރިކަމުން މަޙްރޫމުވެގެން ނުވާނެކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. އަދި މިދާއިރާގައި ސައިކޭޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ނަރުހުންނާއި، ސޯޝަލް ވޯކަރުންނާއި، ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި، ދިރާސާކުރައްވާ ފަރާތްތަކާއި، އަދި ޞިއްޚީ ޚިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަ ކުރިއަށްގެންދަވަމުން ވިދާޅުވީ ތަޢުލީމާއި، ފަންނީ ތަމްރީނާއި، ދިރާސާތަކުގެ ޒަރީޢާއިން، ޤައުމީ ފެންވަރުގައި ޤާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ތައުރީފު ކުރެއްވިއެވެ. މިއާއެކު، ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، އިތުރު ދިރާސާތައް ކުރުމަށް އެކަމަނާ ގޮވާލައްވާ، ނަފްސާނީ ދުޅަހެޔޮކަމުގެ ފުރިހަމަ ފަރުވާ ދިނުމަށްޓަކައި، ކަމާބެހޭ ޢިލްމީ މަޢުލޫމާތު ޙާސިލުވެފައި ހުރުމުގެ އިތުރުން، އަބަދުވެސް އިންސާނިއްޔަތުކަމާއެކު އެ ޚިދުމަތް ދިނުމަކީ މުހިންމު ކަމެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.














.jpg?w=3840&q=75)
