.jpg?w=3840&q=75)
.jpeg?w=3840&q=75)







ޖަސްޓިސް ބިލްޑިންގ
އަސްކޮއި ގްރޫޕް މެދުވެރިކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކި ބަޔަކު، އެއްބަސްވުމާ އެއްގޮތަށް ޢުމްރާއަށް ގެންގޮސްދީފައި ނުވާތީ، އެ ފަރާތްތަކަށް 155،700 (އެއްލައްކަ ފަންސާސް ފަސްހާސް ހަތްސަތޭކަ) ރުފިޔާ އަނބުރާ ދެއްކުމަށް އަސްކޮއި ޓްރެވަލް ސާވިސަސްގެ މައްޗަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައަކީ އަސްކޮއި ޓްރެވަލްސް މެދުވެރިކޮށް ޢުމްރާއަށް ދިއުމަށް ފައިސާ ދެއްކި 6 މީހެއްގެ ފަރާތުން، އެ ކުންފުންޏާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ރަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. ދަޢުވާކުރި ފަރާތްތަކުން އެދިފައިވަނީ ޢުމްރާ ދަތުރަށް ދެއްކި 155،700 ރުފިޔާގެ އިތުރުން، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ހިނގި 42،000 ރުފިޔާ ވެސް ނަގައިދިނުމަށެވެ.
ސިވިލް ކޯޓުން ބުދަ ދުވަހު އިއްވި ޙުކުމުގައި ބަޔާންކޮށްފައިވަނީ، ދަޢުވާކުރި ފަރާތްތަކުން ޢުމްރާގެ ޚިދުމަތަށް ދެއްކި 155،700 ރުފިޔާ އަނބުރާ ދިނުމަށް އަސްކޮއި ކުންފުންޏާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝަރީޢަތުގައި އިޢުތިރާފުވެ އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ހޯދުމަށް އެދުނު 42،000 ރުފިޔާއަކީ ދަޢުވާ ލިބޭ ފަރާތުގެ ކިބައިން ނަގައިދެވޭނެ ފައިސާއެއްކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެ ފައިސާ ނަގައިދެވެން ނެތް ކަމަށް ވެސް ކޯޓުގެ ޙުކުމުގައި ވަނީ ކަނޑައަޅާފައެވެ.
ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަޢުވާކުރި ފަރާތުން ހޯދުމަށް އެދިފައިވާ 155،700 (އެއްލައްކަ ފަންސާސްފަސްހާސް ހަތްސަތޭކަ) ރުފިޔާ ދެއްކުމަށް އަސްކޮއި ގްރޫޕާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ވަނީ އިޢުތިރާފުވެ އެއްބަސްވެފައެވެ. އެހެންކަމުން، އެ ފައިސާ ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ.
ޢުމްރާ ދަތުރަށް ދެއްކި ފައިސާ އަނބުރާ ދިނުމަށް ޢަމުރުކުރި ނަމަވެސް، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ހޯދުމަށް އެދުނު ފައިސާ ނަގައިދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. ކޯޓުން މިގޮތަށް ކަނޑައެޅީ، އެއީ ދަޢުވާލިބޭ ފަރާތުގެ އަތުން ނަގައިދެވިދާނެ ފައިސާއެއްކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީއެވެ.
ޢުމްރާއަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނެގުމަށްފަހު، އެ ޚިދުމަތް ފޯރުކޮށްދީފައި ނުވާ މައްސަލައިގައި، ވޭތުވެދިޔަ އަހަރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އަސްކޮއި ގްރޫޕުގެ ހުއްދަ ބާޠިލުކޮށްފައެވެ. އަދި އެ ގްރޫޕުގެ އެއްވެސް ހިއްސާދާރަކު ހިމެނޭ އެހެން ކުންފުންޏަކަށްވެސް ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށާއި، ދުރާލައި ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފައިސާ އަނބުރާ ޙަވާލުކުރުމަށްވެސް އެ ވުޒާރާއިން ވަނީ އަންގާފައެވެ.
މީގެއިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން، މީގެ ކުރިންވެސް އެ ގްރޫޕާމެދު ފިޔަވަޅު އަޅައި، 130،000 (އެއްލައްކަ ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.
މި އަހަރުގެ ކުރީކޮޅުގައިވެސް ސިވިލް ކޯޓުން ވަނީ އަސްކޮއި ގްރޫޕާ ދެކޮޅަށް ހުށަހެޅުނު މިފަދަ އެހެން މައްސަލައެއްގައި، ދަޢުވާކުރި ޢާއިލާއަކަށް 185،000 (އެއްލައްކަ އަށްޑިހަފަސްހާސް) ރުފިޔާ ދެއްކުމަށް އެ ގްރޫޕުގެ މައްޗަށް ޙުކުމްކޮށްފައެވެ.
.jpg?w=3840&q=75)
.jpeg?w=3840&q=75)


