
-
ދިވެހިރާއްޖޭގެ 'އެޑްވާންސިންގ ދަ ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން' (އެންއޭޕީ) މަޝްރޫޢުގެ ދަށުން އުފައްދާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ކަމާގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުންނަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ހަރުދަނާކޮށް، އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލާ މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ މަޝްރޫޢު ހިންގާ 'ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީ' (ޕީއެސްސީ) އަށް ބޭނުންވާ ފަންނީ އަދި އިސްތިރާޖީ ލަފަޔާއި އިރުޝާދު ފޯރުކޮށްދިނުމެވެ.
މިއީ ރާއްޖެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ކޮމިޓީގެ މެންބަރުކަމަށް ޝަރުތުހަމަވާ، ފަންނީ ގާބިލުކަން ހުރި ފަރާތްތަކުން ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 13 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތާއި، ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުންތަކުގެ ތަފުސީލު ސަރުކާރުގެ ގެޒެޓް މެދުވެރިކޮށް މިހާރު ވަނީ އާންމުކޮށްފައެވެ.
















