
-
ކުޅުދުއްފުށީގެ މަގުތައް ތަރައްޤީކުރުމުގެ ތިން ވަނަ ފޭސްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން އާރްޑީސީއާއިއެވެ. އެގޮތުން އާރްޑީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކޮށްފައެވެ.
އާރްޑީސީން މިއަދު ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ކުޅުދުއްފުށި ސިޓީ ފޭސް 03ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި މަސައްކަތް ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 100,465,864.92 ރުފިޔާ އަށެވެ.
މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 3.4 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމާއި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމުގެ އިތުރުން ކުޅުދުއްފުށި ސިޓީގެ ނަހަދާހުރި ހުރިހާމަގެއް ޑިޒައިން ކުރުމުގެ މަސައްކަތެވެ.












