
-
ގދ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއަދު ތިނަދޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
އަދި އަރިހުގައި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލްސަން އަހްމަދު، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ އާއި މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގަތެވެ.
ތިނަދޫ ސިޓީ މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަގުތަކުގައި ތާރުއަޅައި ފެންހިންދާ ނިޒާމް ގާއިމްކުރާނެ އެވެ. މި މަޝްރޫޢުގެ ތެރޭގައި ތިނަދޫގައި އަލަށް އާބާދުވާ ސަރަހައްދުގެ ބޮޑެތި މަގުތައްވެސް ހިމެނެއެވެ.
މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 1440 ދުވަސްތެރޭ ނިންމާ ގޮތަށެވެ.












