








-
ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ފަށައިފިއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ބުނީ ނޮޅިވަރަންފަރުން ހައުސިންގ ޔުނިޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކާއެކީ ސޮއިކުރުމުގެ އިންތިޒާމް 2025 ސެޕްޓެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައި ކުރިއަށްދާނެ ކަމަށެވެ.
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރީ މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ. އަދި މި ޔުނިޓުތައް ހަވާލުކުރުމަށް މީގެ ކުރީން ސޮއިކުރުން ކުރިޔަށްގެންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން ސޮއިކޮށްފައި ނުވުމުން ސޮއިކުރުމަށް އިތުރު ފުރުޞަތެއް ސަރުކާރުން ދޭން ނިންމީ މިދިޔަ ހަފްތާގައި އެވެ.
ނޮޅިވަރަންފަރު ހައުސިން ޔުނިޓްތަކަކީ މީގެ 13 އަހަރުކުރިން އަޅަންފެށި ހައުސިން ޔުނިޓްތަކެކެވެ. މި ހައުސިން ޔުނިޓްތަކުގެ ތެރެއިން ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވަނީ 75 ޔުނިޓެވެ. އަނެއް 25 ޔުނިޓް ދެނީ އެރަށަށް ބަދަލުވި މީހުންނަށެވެ.




