

.jpg?w=3840&q=75)






އިސްރާއީލުން މީގެ ކުރިން ޖަބަލިޔާ ކޭމްޕު ކައިރި ސަރަޙައްދުތަކަށް ބޮން އަޅައި ވީރާނާ ކޮށްފައި --- ފޮޓޯ/ އަލް ޖަޒީރާ
ހައްދުފަހަނައަޅާފައިވާ ޔަހުދީ ދައުލަތް، އިސްރާއީލުގެ އަސްކަރިއްޔާ އިން ޤާޒާގެ އުތުރުގައި އޮންނަ ޖަބަލިޔާ ކޭމްޕަށް ޙަމަލާދޭން އަނެއްކާ ވެސް ފަށައިފިއެވެ.
ފަލަސްތީނުގެ ޙާލަތު ރިޕޯޓުކުރާ ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާ އިން ޖަބަލިޔާ ކޭމްޕަށް ޙަމަލާދޭން ފަށައިފައިވަނީ، އެ ކޭމްޕުގައި ތިބ އެއް ލައްކައަށް ވުރެ ފަލަސްތީނުގެ ރައްޔިތުންނަށް، އެ ކޭމްޕު ދޫކޮށް ދިޔުމަށް ރޭ އަންގާފައިވަނިކޮށެވެ. އެގޮތުން ރެއިންސުރެ އިސްރާއީލުގެ އަސްކަރީ ޓޭންކަރުތައް ދަނީ ޖަބަލިޔާ ކޭމްޕު ވަށައި ހަރަކާތްތެރިވަމުންނެވެ.
އެގޮތުން ފަލަސްތީނުގެ ނޭޝަނަލް އިނިޝިއޭޓިވް ޕާޓީގެ އިސްވެރިޔާ މުސްތަފާ ބަރްޣޫޓީ ވަނީ އެ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބޮން އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.
އެގޮތުން ޣައްޒާގެ މަދަނީ ދިފާއީ ވުޒާރާއާ ހަވާލާދީ ތުރުކީގެ އަނަޑޯލޫ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން އެ ސަރަޙައްދަށް ބޮމުގެ ޙަމަލާތައް ދެމުންދާތީ، އެ ކޭމްޕުގެ ޙާލަތު ބެލުމަށް އެ އިދާރާގެ ޓީމުތަކަށް އަދި ނުވަދެވޭ ކަމަށެވެ.
އެހެން ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ވިދާޅުވީ ޖަބަލިއާގެ އިތުރުން ބެއިޓް ލަހިޔާ އާއި ބެއިޓް ހަނޫންގައި ވެސް އިސްރާއީލު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މީގެ ކުރިން ވެސް އިސްރާއީލުގެ ހަރުކަށި ސިފައިން ޖަބަލިޔާ ކޭމްޕަށް ޙަމަލާދީ އެތައް ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރިއެވެ. އެކަމުގެ ކަންބޮޑުވުން ރާއްޖެއާއެކު ބައިނަލްއަގުވާމީ އެކި ގައުމުތަކުން ފާޅުކުރިއެވެ.
ޖަބަލިޔާ ރެފިއުޖީ ކޭމްޕަކީ މި ވަގުތު އުތުރު ގާޒާގައި އެންމެ ގިނަ ބަޔަކު ޓެންޓުގައި ދިރިއުޅެމުން އަންނަ ސަރަޙައްދެވެ.


.jpg?w=3840&q=75)





