
1
ގދ. ލާބަދުއާ އަކީ ގދ. ފަރެސް މާތޮޑާ ފަޅުގެ ހުޅަނގު ކޮޅުގައި ފިޔޯރީ ކަނޑުގެ އެއް ފައިކަށީގައި އޮންނަ ހިމަ ދިގު ރަށެކެވެ. މިއީ ގުދުރަތީ ރީތިކަމާއި ދިރުންތަކުގެ ލާމަސީލު ރަށެކެވެ. އެހެންކަމުން މި ރަށަކީ ރައްކާތެރިކޮށް ދަމަހައްޓަންޖެހޭ ގުދުރަތި ތަރިކައެކެވެ.

ރަށުގެ ގުދުރަތީ ސިފަތަކަށް ނިސްބަތްވާ ގޮތުން މި ރަށަށް އެކި ނަންނަމުން ކިޔައިފައިވެއެވެ. ދިގެ ލާބަދުވާ އާއި ފަޓެފަޓެ ލާބަދުވާ އާ ދެ ނަމަކީ މިފަދަ ދެނަމެވެ.
ލާބަދޫގެ ރާވަޅި ހުއްޓާއި ލާތުންޑާ ދެމެދު ވަނީ ގޮންޏަކަށް އެތެރެއަށް ވަދެފައެވެ. މި ގޮނީގެ އަނގަމަތީގައި ގާތްގަނޑަކަށް 23.1 ކިލޯމީޓަރު ހުރެއެވެ. އަނގަމަތިން ފެށިގެން އެއް ކިލޯމީޓަރު އެތެރެއަށް މި ތަން ގޮނިވެފައިވެއެވެ. ރާވަޅި ހުއްޓާއި ލާތުންޑާ ދެމެދުން ގޮނީގެ އަނގަމަތިން ދަމައިލެވޭ، ދިގު ރޮނގު މިސްރާބުވެގެން ދަނީ އިރުދެކުނުން ހުޅަނގު އުތުރަށެވެ.
މި ގޮންޏަކީ ގުދުރަތީ ރީތިކަމުގެ ލާމަސީލު ވެށްޓެކެވެ. ނޫކުލައިން ފަނޑުވަމުން ފެހިކުލައަށް ބަދަލުވަމުން އެކި ފުންމިނުގައި ކުލަތަފާތުވަމުން ގޮސް ރަށްގޮނޑާ ކައިރިން ގަސްތަކުގެ ގަދަ ފެހިކުލައިން މޫދު ހިޔަނިވެފައި އޮންނީ އެއިން އެކިއެކި އިހުސާސް އުފައްދައިދޭ ހިތްފަސޭހަކަމާއެކުގައެވެ.
މި ގޮންޏަކީ ދިރުންތަކުގެ ޚަޒާނާއެކެވެ. މަޑިއާއި މިޔަރާއި މަސްމަހާމެހީގެ ތަފާތު ގިނަ ބާވަތްތަކުގެ ދިރުމުން މިތަން ވަނީ މުއްސަނދިވެފައެވެ .މިހިސާބުން ފެށިގެން ފިނީކާ ކުޅިޔާ އާ ދުރަށް ދެކުނަށް ތަންކޮޅަކަށް ދާއިރު ''ތިންރުކެ މުއްލާ'' އާ ދިމާވާނެއެވެ. މުއްލާގެ މާނައަކީ މުއްޔެވެ. މި މުއްޔަށް ނަންކިޔައިފައިވަނީ އެދިމާއިން އެއްގަމުގައި ހުރި ތިން ރުކަކަށް ނިސްބަތްކޮށެވެ.
މި މުއްޔަށް ވަކި ނަމެއް މުހިންވާ ސަބަބަކީ ލާބަދޫގައި މިއަށްވުރެ ބޮޑު މުއްޔެއް އޮންނަކަމެވެ. އެއީ ހުވަދޫ އަތޮޅުގެ ޖިއޮގްރަފީގައި މުހިންމު ތަނެއް ކަމުގައިވާ މަޝްހޫރު ލާބަދޫ މުއްލާ އެވެ. އެއީ ފިޔޯރީ ކަނޑުގެ ލާބަދުވާވީ ފައިކަށިން ފުށްޓަރުފަރާތު ކަންމަތިން މާކަނޑަށް ނުކުމެފައި އޮންނަ މުއްޔެކެވެ. މި މުއްޔަށް ނަވެއް ފެތިފައިވެއެވެ.
ތިންރުކެ މުއްލާ ފަހަނަޅައި ދާއިރު ދިމާވާ މަޝްހޫރު ތަނަކީ ''ފެރޭތަ ރުއްގަނޑާ''އެވެ. މި ހިސާބުން ކުރިއަށް ދާއިރު ލާބަދޫގެ އެންމެ ހަނި ދިމާއަށް ދެވެއެވެ. މިއީ ހަނިތަނާއެވެ. މި ދިމާއިން ފުއްޓަރު ފަރާތަށް ދާން އޮންނަ މަގަށް ކިޔަނީ ''ހަނިތާ މަގާ'' އެވެ.
ލާބަދޫގެ އެންމެ ހަނި ދިމާއަށްފަހު ދެކުނު ކޮޅަށް ރަށް ފުޅާވަމުންދެއެވެ. މިހިސާބުން ފުޅާވަމުންދާ ވަރަކަށް އިރު ދެކުނަށް ރަށް ލެނބެމުންދެއެވެ. މިގޮތަށް ފުޅާވަމުން ގޮސް 750 ވަރަކަށް ފޫޓަށް ފުޅާވުމަށްފަހު މި ލެނބުން އިރުމައްޗަށް ލެނބި އަނެއްކާ ވެސް ހަނިވާން ފަށައެވެ. ހަނިވަމުން ގޮސް 150 ވަރަކަށް ފޫޓަށް ހަނިވުމަށްފަހު އަނެއްކާ ފުޅާވަމުން ގޮސް އުފެދިފައި އޮންނަނީ ''ރާވަޅި ހުއްޓާ'' އެވެ. ރާވަޅި ހުއްޓާއޭ ކިޔަނީ ދިޔަވަރު ހިކިފައި އޮންނަ އިރު، މި ތުނޑިއާ ދިމާއިން ފިނޮޅެއްގެ ގޮތަށް ހިކިފައި އޮންނަ ދޮންވެލިގަނޑު ރާވަޅިއެއްގެ ސިފައަށް ލެނބިފައި އޮންނާތީއެވެ.
ހަނިތާ މަގުން ފެށިގެން ރާވަޅި ހުއްޓާ ހަމައަށް އުފެދިފައި އޮންނަ ބަޔަކީ ވަރަށް ޚާއްސަ ބައެކެވެ. މި ސަރަހައްދު ފެށޭ ދިމާއިން ފުއްޓަރު ފަރާތަކީ ކަށިވެލި ނެގުމަށް މަޝްހޫރު ދިމާއެކެވެ. މި ދިމާގައި ހުންނަ އާނުގަނޑާއި އަކިރިއަށް ނިސްބަތްކޮށް މި
ހިސާބުގަނޑަށް ކަޅެގަލާ އޭ ކިޔައެވެ.
ހަނި ތަނާއި ރާވަޅި ހުއްޓާ ދެމެދުގައި އޮންނަ ބަޔަކީ ލާބަދޫގެ މުހިންމު ބައެކެވެ. އެންމެ ގިނައިން މީހުން ލަފަނީ މި ދިމާއަށެވެ. މިބައިގައި ތިން ކުޅިއެއް އޮވެއެވެ. އެއީ ބޭކަ ކުޅިއާ (ބޭންގު ކުޅި) އާއި ގަނބަނެ ކުޅިއާ (ގަނބާ ކުޅި) އާއި ދޫނިކުޅި އެވެ.
ބޭކަ ކުޅިޔާ އަކީ ގިނަ އަދަދަކަށް ބޮޑެތި ބޭންގު އުޅުތަނެކެވެ. ކުޅިއަށް މީހުން އެރި އުޅޭ އިރު، ރިހިކުލައިގެ ބޭނގުތައް ފުމެއަރައި ވައިގެތެރޭގައި ވިދުން ގަދަކޮށްލައެވެ. ވައިގެތެރެއިން ބޭންގު ހިފެނީ ވެސް މަދެއްކޮށެއް ނޫނެވެ. ބޭންގުތަކާއެކު މިތާގައި ޑިނގާ އުޅުނެވެ. ބައެއް ބާވަތުގެ މަސްވެރިކަން ކުރުމަށް އެންދަމާ ދާޖަހައިގެން މި ކުޅިން ޑިނގާ ނަގައި އުޅުނެވެ .ބޭކަކުޅީގައި މިއަދު އޮތީ ހަމައެކަނި ނަމެވެ. ކީއްވެގެން ހެއްޔެވެ؟ ވެށްޓަށް ނުފެތޭ ބައެއް ބާވަތުގެ މަސްތައް މި ކުޅިއަށް ލުމުގެ ސަބަބުންނެވެ. ބޭނގުތަކާއި ޑިނގާތަކުގެ ދަރިފަސްކޮޅު މިކުޅިން މިހާރު ނެތިގޮސްފައިވާ ކަމަށް މީހުން ބުނެއެވެ .ގަނބަނެ ކުޅިއާ އަކީ މިހާރު ވެސް ގަނބާތަނެކެވެ. ނަމަވެސް ދޫނި ކުޅިޔާ އަށް ދޫނި އަންނާނެ ކަމާމެދު އޮތީ އުންމީދެކެވެ. ނަސީބު ރަނގަޅިއްޔާ އެތަނުން ދޫންޏެއް ފެނިދާނެއެވެ.
ލާބަދޫގެ ގުދުރަތީ ރީތިކަމާއި މުއްސަނދިކަމަށް ނުބަލައި އެކިއެކި ފަރާތްތަކުން ކޮށްފައިވާ އަމަލުތަކުގެ ސަބަބުން މި ރީތިރަށުގެ އަގުބޮޑު ޚަޒާނާގެ ބޮޑު ބައެއް ވަނީ ގެއްލިގެން ގޮސްފައެވެ. މީސްތަކުންގެ އަމަލުތަކުން ވަނީ ލާބަދޫގެ ކުޅިތަކަށް ވެސް ކުޅިދައްކާލައިފައެވެ.
އެޑިޓަރުގެ ނޯޓް: ލާބަދުވާ އާއި ގުޅޭގޮތުން ލިޔެފައިވާ މިލިޔުމަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އޭ) އިން ޝާއިޢުކޮށްފައިވާ މަޢުލޫމާތު ނަކަލުކޮށް, އުނިއިތުރު ކުރުމެއް ނެތި ލިޔެފައިވާ ލިޔުމެކެވެ.