
pyqaawxxfwzeiib35hsm
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އިނގިރޭސިވިލާތުގެ ލިވަޕޫލާއި ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިއީ މިދިޔަ ސީޒަނުގެ ފައިނަލުގައި ބައްދަލު ކުރި ދެޓީމެވެ. މިދިޔަ ސީޒަނުގައި 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރެއާލް މެޑްރިޑުންނެވެ. 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައިވެސް މި ދެޓީމް ކުޅެފައިވެއެވެ. އެފަހަރުގެ ފައިނަލުގައިވެސް 3-1 ގެ ނަތީޖާއަކުން މުބާރާތް ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި އިނގިރޭސިވިލާތުގެ މެންޗިސްޓަރ ސިޓީ ވާދަކުރާނީ ޖަރުމަނުގެ އާރްބީ ލީޕްޒިގާ އާއެވެ. ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރަން ޖެހެނީ ޖަރުމަނުގެ ބަޔާން މިއުނިކް އާއެވެ.
އިޓަލީގެ އޭސީ މިލާން، އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސް އާ ބައްދަލުކުރަން ޖެހުނު އިރު އިޓަލީގެ އިންޓަމިލާން ބައްދަލުކުރާނީ ޕޯޗުގަލްގެ ޕޯޓޯ އާއެވެ. އަދި އިޓަލީގެ ނަޕޯލީ ބައްދަލުކުރާނީ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓްއާއެވެ.
މި މުބާރާތުގެ ދެވަނަބުރުގައި އިނގިރޭސިވިލާތުގެ ޗެލްސީ އާ ލައްވާލީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. މުބާރާތުގެ ދެވަނަ ބުރުގައި މުޅިން އަލަށް ކުޅޭ ބެލްޖިއަމްގެ ކްލަބް ބްރޫޖުން ކުޅޭނީ ޕޯޗުގަލްގެ ބެންފީކާއާ އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 14، 15، 21 އަދި 22 ގަ އެވެ.