
kamdhoo
ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ކަމަދޫ ބަނދަރު މަޝްރޫޢުގެ ތެރެއިން އައު ހާބަރގެ ބޭސިން ފުންކުރުމުގެ %92 މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. އަދި ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 628 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 47.01 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.








