
GMG_8352
ގދ. ތިނަދޫގައި ޓެނިސް ކޯޓެއް ގާއިމް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު، އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

އެސްޓިއޯ މަކިޓާ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022 ފެށުމުގެ ގޮތުން މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެމްބަރު ސަނީފް ވިދާޅުވީ ތިނަދޫ އަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަޮށްލެވޭ ރަށެއްކަމަށާއި، ވަކިން ޚާއްސަކޮށް ތިނަދޫގެ ޖީލަކީ އެތުލެޓިކްސް ދާއިރާއަށް ލޯބިކުރާ، އެ ދާއިރާއިން ކާމިޔާބު ވަނަތަކެއް ހާސިލްކޮށްފައިވާ ރަށެއްކަމަށެވެ.
މީގެ އިތުރުން މި މުބާރާތް ބޭއްވުމަށްޓަކައި ތިނަދޫ ކައުންސިލުން ވެފައިވާ ތައްޔާރީތަކާއި އިންތިޒާމްތައް ފާހަގަކޮށް، މެމްބަރު ވަނީ ކައުންސިލަށް ތައުރީފް ކުރައްވާފައެވެ. އަދި މުބާރާތުގައި ވާދަ ކުރާ އެތުލީޓުންނަށް ހިތްވަރުދީ، ކާމިޔާބީ ހޯދުމަށް ނަސޭހަތްތެރިވެސް ވެވަޑައިގެންނެވިއެވެ.
މެމްބަރު ސަނީފްގެ ވާހަކައިގައި އޭނާ ވަނީ ކުޅިވަރުގެ ރޮނގުން ތިނަދޫއަށް ގެންނަން ހަމަޖެހިފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކާއި ވަސީލަތްތަކާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ތިނަދޫއަށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަކާއި، ހޭންޑް ބޯލް ކޯޓެއްގެ އިތުރުން ޓެނިސް ކޯޓެއްވެސް ގެނެވޭ ތޯ މަސައްކަތް ކުރަމުން ދާ ކަމަށް ސަނީފް ވިދާޅުވިއެވެ.
މިރޭ ބާއްވާފައިވަނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތެވެ. މުބާރާތުގެ ހަރަކާތްތައް ފެށިގެންދާނީ މާދަމާ ހެނދުނު، ތިނަދޫ ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން ޖުމްލަ 36 ސްކޫލެއް ބައިވެރިވެފައިވެއެވެ. އަދި މުބާރާތުގައި ޖުމްލަ 1057 އެތުލީޓުން ވާދަ ކުރާނެ އެވެ.
މިއީ 2014 ވަނަ އަހަރުގެ ފަހުން ޖޫނިއާ އެތްލެޓިކްސް މުބާރާތް ތިނަދޫގައި ބާއްވާ ފުރަތަމަ ފަހަރެވެ. 2019 ވަނަ އަހަރު ތިނަދޫގައި އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތެއް ބާއްވާފައެވެ. އަދި 2018 އެޓޯލް ޖޫނިއާ އެތުލެޓިކްސް މުބާރާތްވެސް ތިނަދޫގައި ބާއްވާފައެވެ.
ތިނަދޫއަކީ އެތްލެޓިކްސްގައި ވަރަށް ކާމިޔާބު ރަށެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ އެތްލެޓިކްސް މުބާރާތްތަކުގައި ތިނަދޫއަށް ނިސްބަތްވާ އެތްލީޓުން އަންނަނީ ރަން ވަނަތަކެއް ހޯދައި ޤައުމީ ރިކޯޑްތައްވެސް މުގުރާލަމުންނެވެ. މިއަހަރުގެ މުބާރާތް ތިނަދޫގައި ބޭއްވުމަށް ފުރުސަތު ލިބިގެން ދިޔައީ ތިނަދޫ ކައުންސިލުން މުބަރާތަށް ބިޑް ހުށަހެޅުމުން އެންމެ މަތިން ޕޮއިންޓް ލިބުމުންނެވެ.
ގިނަ އެތްލީޓުންނާއެކު ކޮންމެ އަހަރަކުވެސް ބާއްވާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުން ވިދާލާ ހުނަރުވެރިން އަންނަނީ ގައުމީ ފެންވަރުގައިވެސް ކާމިޔާބީތައް ހޯދަމުންނެވެ.
ތިނަދޫގައި ބާއްވާ މަކިޓާ ނެޝަނަލް ޖޫނިއާ އެތްލެޓިކްސް މުބާރާތް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ތިނަދޫ ސްޓޭޑިއަމްގައި ކުރިއަށްދާނެ އެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
