
ތިނަދޫ، ހިމެނޭހެން 4 ރަށެއްގައި ހަދާ ސިންތެޓިކް ޓްރެކްތައް އަންނަ އަހަރު ބޭނުންކުރެވޭނެ: މަހުލޫފް
# ތިނަދޫ# ހިތަދޫ# ޔޫތް މިނިސްޓްރީMahloof-600x400
ގދ. ތިނަދޫ، އައްޑޫސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ، އިތުރުން ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ހެދުމަށް ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކްތައް އަންނަ އަހަރު ބޭނުންކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ، ހިތަދޫގައި އަޅަން ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކާ ބެހޭގޮތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިގޮތުން މެމްބަރު އަހުމަދު ރަޝީދު މިނިސްޓަރާ ސުވާލު ކުރެއްވީ ހިތަދޫގައި ސިންތެޓިކް ޓްރެކެއް އެޅުމުގެ ވާހަކަ ދެއްކިތާ އަހަރުދުވަސް ވީއިރުވެސް އެކަމުގެ މަސައްކަތް ފެށީނުވާތީ، އެމަސައްކަތް ގޮސްފައި އޮތް ހިސާބެއް އޮޅުން ފިލުއްވުމަށެވެ. އޭނާ ވިދާޅުވީ، މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ތިބި ތަނަކީ ހިތަދޫ ކަމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ޕްލޭންކުރީ ބަޖެޓުގެ ތެރެއިން އެ ޓްރެކް އެޅުމުގެ މަސަައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އެކަމަށް ހުރަސް އެޅިފައިވާ ކަމަށާއި، މިހާރު އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ސަރުކާރުގެ، އެލްއޯސީގެ ތެރެއިން ކަނޑައަޅާފައިވާ 40 މިލިޔަން ޑޮލަރުގެ ތެރެއިން ކަމަށް، އަދި އޭގެ ތެރޭގައި ހިތަދޫ، ފުވައްމުލަކު، ތިނަދޫ އަދި ކުޅުއްދުފުށީގައި ޓްރެކް ހެދުންވެސް މި ޕްރޮޖެކްޓްގައި ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ޓްރެކްތައް ހަދަން ފެށުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި ޕްރީ ކޮލިފިކޭޝަންގެ ޕޭޕަރުތައް ނިމި، ކުރިއަށް އޮތް ހަތަރު މަސް ދުވަހެއްގެ ތެރޭގައި މަސައްކަތް ފެށޭވަރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.