އޮންލައިންކޮށް ނަންބަރު ނެގޭނެ އިންތިޒާމް އޭއެސްއެމް ހޮސްޕިޓަލުން ހަމަޖައްސައިފި
އަލްފާ އަލީ
10/1/2022, 2:31:45 PM
_AMN1543
ގދ. ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އޮންލައިންކޮށް ޓޯކެން ނަންބަރު ނެގޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އޭއެސްއެމްއެޗް އިން މިކަން އިއުލާނުކޮށްފައިވަނީ މިއަދު އެ ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތް އައު އިމާރާތަށް ބަދަލުކުރުމަށް ފަހުގައެވެ.
ހޮސްޕިޓަލުގެ ޓޯކަން ނަންބަރުތައް އޮންލައިކޮށް ނެގޭނީ ކިއުބީ އެޕްލިކޭޝަން ބޭނުންކޮށްގެންނެވެ. މި އެޕްލިކޭޝަން ފޯނަށް ޑައުންލޯޑް ކުރުމަށްފަހު މުއައްސަސާތަކުގެ ތެރެއިން ޑރ. އަބްދުއްސަމަދު މެމޯރިއަަލް ހޮސްޕިޓަލު ނެންގެވުމަށްފަހު ނަންބަރު ނެންގެވޭނެ އެވެ. މިވަގުތު އެ ހޮސްޕިޓަލުން އޮންލައިން ޓޯކެން ދޫކުރަނީ ޑޮކްޓަރަށް ދެއްކެވުމަށް މެމޯ ހެއްދުމަށާއި އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށެވެ.
ކިއުބީ މެދުވެރިކޮށް ޓޯކެން ނަންބަރު ނެންގެވޭނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށެވެ.
މިއީ މިފަދަ ހިދުމަތެއް ގދ. ތިނަދޫގައި ގާއިމްކުރެވުނު ފުރަތަމަ ފަހަރެވެ. މި ހިދުމަތާއެކު ހޮސްޕިޓަލުގެ ހިދުމަތް ހޯއްދަވާ ބޭފުޅުންނަށް ގޭގައި ހުރެވެސް ނަންބަރު ނެންގެވޭނެ އެވެ.