
large_163543233225bPVt
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާއަށް ދީފައިވާ ފަރުވާތަކާބެހޭ ތަފްސީލީ ލިޔުންތައް ދިފާއުއަށް ދޭންޖެހޭނެ ކަމަށް ނިންމައި، އެ ލިޔުންތައް ހަތް ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް ފޮނުވަން މިއަދު އަމުރުކޮށްފި އެވެ.

މޭރީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އެތަނުގައި މަސައްކަތްކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ.
މޭރީއަށް އައިޖީއެމްއެޗުން ދީފައިވާ ފަރުވާގެ ތަފްސީލީ ލިޔުންތައް ހާމަކުރަން ކޯޓުން މިއަދު ނިންމީ ލަމްހާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް އެކަމަށް ހުށަހެޅުމުންނެވެ. އެ ލިޔުންތައް ދޭން ދައުލަތުން ދެކޮޅެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ މޭރީއަށް ދިން ފަރުވާގެ ތަފްސީލުތައް އެނގޭނެ މެޑިކަލް ޗާޓްތަކާއި ލިޔުންތައް ހުރިނަމަ، އެ ލިޔުންތައް ހަތް ދުވަސް ތެރޭގައި ކޯޓާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ލިޔުމެއް ނެތް ނަމަ، އެކަން ވެސް ހަތް ދުވަސް ތެރޭގައި ކޯޓަށް އަންގަން ގާޒީ އެންގެވި އެވެ.
މޭރީއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ނަރުހުންގެ މައުލޫމާތު ހޯދަން ވެސް ލަމްހާގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ގާޒީ ވަނީ ނަރުހުންގެ މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ބުނެފައެވެ.
ލަމްހާގެ ފަރާތުން ދެން ހުށަހެޅީ އިންޑިއާ ސަރުކާރާއި ރާއްޖެއާ ދެމެދު ގާނޫނީ ކަންކަމުގައި އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކާއި އެ މައްސަލާގައި ވީޑިއޯ ފުޓޭޖް ނަގަން ދިން ކޯޓު އަމުރުތަކާއި އޭނާ ގެއިން ފެނުނު ކަމަށް ބުނާ މަނާ ބޭސްތައް ރާއްޖެއަށް އެތެރެކުރި ގޮތާ ބެހޭ ކަސްޓަމްސްގެ ލިޔުންތައް ހޯދުމަށެވެ.
ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ ރާއްޖެ އެތެރެކުރި ގޮތުގެ ލިޔުންތަކާ ބެހޭގޮތުން ގާޒީ ވިދާޅުވީ އެ ބޭސްތަކަކީ ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ އެއްޗަކަށް ނުވާތީ އެކަން ނަފީ ކުރެވޭނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ ބޭސްތަކަކީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް، އައިޖީއެމްއެޗަށް ދީފައިވާ އެއްޗެއްކަން ލިޔުންތަކުން އެނގެން އޮންނާތީ އެ ލިޔުންތައް ދޭން އަމުރު ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ވީޑިއޯ ފުޓޭޖް ހޯދަން ކޯޓު އަމުރެއް ހޯދާފައިނުވާ ކަމަށް ދައުލަތުން ކުރިން އެއްބަސްވި އެވެ. އެހެންވެ، އެ ހުށަހެޅުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ދެން އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމެވެ. އެކަމަށްޓަކައި އަންނަ މަހުގެ ކުރީކޮޅު އަޑުއެހުން ބޭއްވޭތޯ ބައްލަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެ މައްސަލާގައި މޭރީގެ ފިރިމީހާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދަނީ ވަކިންނެވެ.




