
ރަށެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ސަރުކާރުން ތަރައްގީ ގެންނަކަން ސާބިތުވޭ - ފިރުޝާން
# ހުސައިން ފިރުޝާންfirushan (1)
ސަރުކާރުން ރާއްޖޭގެ ރަށްރަށަށް ތަރައްގީ ގެންނަނީ އެ ރަށެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތިކަން ހަމައެކަނި މަޑަވެލި ދާއިރާއިންވެސް ފެނިގެންދާކަމަށް އެ ދާއިރާގެ މެމްބަރު، ހުސައިން ފިރުޝާން ވިދާޅުވެއްޖެ އެވެ.

މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހޯނޑެއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ ސަރުކާރުން ރަށްތައް ތަރައްގީ ކުރަމުން އަންނަނީ، އެ ރަށެއްގެ ކުޑަބޮޑުމިނަށް ބެލުމަކާނުލައި ކަން ހަމައެކަނި އެ ދާއިރާއިން ފެނިގެންދާ ކަމަށެވެ. އެގޮތުން މި ފަސް އަހަރުގައި މީގެ ކުރިން އެ ދާއިރާއަށް ނާންނަ ވަރުގެ ބޮޑު ޕްރޮޖެކްޓުތައް ފެށިފައިވާކަމަށް ފިރުޝާން ވިދާޅުވިއެވެ.
މިއަދުގެ ސަރުކާރަކީ ކުޑަރަށެއް، ބޮޑު ރަށެއް، މާރަށެއް، މެދު ރަށެއް ބެލުމެއްނެތި ތަރައްގީއަށް ކުރަން ޖެހޭ ކަންކަން ކުރާ ސަރުކާރެއްކަން ހަމައެކަނި މިދާއިރާއަށް ބަލައިލިކަމުގައިވީނަމަވެސް އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ. ތިޔަ ބޭފުޅުން ނޯޓުކުރައްވާތި. މި ދައުރަށްވުރެ، މި ފަސް އަހަރަށްވުރެ ގިނައިން، ގިނަ ހަރަދުކޮށްގެން ޕްރޮޖެކްޓު ހިންގާ ފަސް އަހަރެއް އަދި އަޅުގަނޑުމެންގެ ތާރީޚަކު ނާދޭ --- މެމްބަރު ފިރުޝާން
މީގެ އިތުރުން، ފިރުޝާން ވިދާޅުވީ ކޯސްވޭ ޕްރޮޖެކްޓު ފެށުމުގެ ރަސްމިއްޔާތުގެ ދައުވަތު މީސްމީޑިއާގައި ހިއްސާކުރުމުން މަޑަވެލީގެ ގިނަ އަދަދެއްގެ ރައްޔިތުން އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ލަސްވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެހުރިހާ ފަރާތްތަކަށް ދޭނެ ޔަޤީންކަމަކީ މި ސަރުކާރުން ގދ މަޑަވެލީގައި 14 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަޤީންކަން ކަމުގައި ފިރުޝާން ވިދާޅުވިއެވެ. އަދި މިކަން ހަޤީޤަތަކަށް ވަންދެން އެކަމުގައި ވަކާލާތު ކުރާނެ ކަމުގެ ޔަޤީންކަންވެސް ފިރުޝާން ވަނީ ދެއްވާފައެވެ.
މައުލޫމާތު ލިބޭގޮތުގައި މިހާރު ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށްޓަކައި އީއައިއޭ ވަނީ ހަދާފައެވެ. އަދި އީއައިއޭ ވަނީ ފާސްވެސް ވެފައެވެ.
މަޑަވެލީގެ ބިމުގެ މައްސަލައާއި އެކު މަޑަވެއްޔާއި ހޯޑެއްދޫ އެއް ފަސްކުރުމަށް ގޮވާލައި މަޑަވެލި ކައުންސިލުން ކުރިން ވަނީ ގަރާރެއްވެސް ފާސްކޮށްފައެވެ.
ގުޅުންހުރި

މިވަރަށް މަސްބާނާއިރުވެސް ބީއެމްއެލް ވަނީ އޭޓީއެމް އެއް ގާއިމްކުރަން ނުކުޅެދިފައި - ފިރުޝާން

ރަށެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ސަރުކާރުން ތަރައްގީ ގެންނަކަން ސާބިތުވޭ - ފިރުޝާން

މަޑަވެލީގައި 14 ހެކްޓަރުގެ ބިން ހިއްކާނެ - ފިރުޝާން
