
މިނީ ބަހުގެ ޚިދުމަތް ފަށާތީ ސައިކަލު ޕާކު ކުރުމަށް އިތުރު ޕާކިން ޒޯނެއް
# މާލޭ ސިޓީ ކައުންސިލް# މާލޭ ސިޓީFbp0dbzakAA-xxt
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް، ބައެއް މަގުތަކުގައި ޕާކް ކުރުން މަނާކުރަން ނިންމާފައިވާތީ ޕާކް ކުރުމަށް ގެއްލޭ ޖާގައިގެ ބަދަލުގައި އިތުރު ޕާކިން ޒޯނެއް ހަދައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލަށް އުފެއްދި ޕާކިން ޒޯނަކީ 335 ސައިކަލު ޕާކް ކުރެވޭނެ ޖާގަ ހިމެނޭ ޒޯނެއް ކަމަށެވެ. މި ޕާކިން ޒޯނު ހަދާފައިވަނީ އަމީނީ މަގު މާފަންނު ދަނޑުތައް ހުންނަ ސަރަހައްދުގައެވެ.
The newly created parking zone; capacity 335 motorcycles. Ameenee Magu. As part of the process of making space for minibus operations. pic.twitter.com/QR1qS6tFx5
— Dr Mohamed Muizzu (@MMuizzu) September 2, 2022
މިނީ ބަހުގެ ހިދުމަތް ފެށުމަށް އަމީނީ މަގުގެ އިތުރަށް އޯކިޑް މަގާއި ފަރީދީ މަގުގައި ވެސް ޕާކް ކުރުން މަނާ ކުރާނެ އެވެ. މަޖީދީ މަގުގައި މިހާރު ވެސް ވަނީ ޕާކް ނުކުރެވޭ ގޮތަށް ހަދައިފަ އެވެ.
އެކުވެނި ދަނޑު ހިމެނޭ ސަރަހައްދުން މި ހެދި ޕާކިން ޒޯނުގެ އިތުރަށް ދަރުބާރުގެ އިރަށް އޮތް ހުސް ބިމާއި، މަޖީދީ މަގުގައި ހުރި ސަރުކާރުގެ ހުސް ބިމެއްގެ އިތުރުން ކޮރަލް ބުލެވާޑް ކައިރީ އޮތް ހުސް ބިމުގައި ވެސް ޕާކިން ޒޯނެއް ހަދާނެ އެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ދެ ހަފުތާ އެއްވެސް އަގެއް ނުދީ ދަތުރު ކުރެވޭނެ އެވެ. އެ ފަހުން ކޮންމެ ދަތުރަކަށް ކަނޑައަޅާފައިވާ އަގަކީ ހަތް ރުފިޔާ އެވެ. ނަމަވެސް ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް 18 ބަހެއް އެމްޓީސީސީން ގެނެސްފައިވާއިރު، ހޯމަ ދުވަހުން ފެށިގެން ބަސް ދަތުރުތައް އޮންނާނީ ފަތިހު 5:45 އިން ފެށިގެން ރޭގަނޑު 12:15 އާ ހަމައަށެވެ.