
274873781_259989649638659_2738108364480591370_n
އަންނަ އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް "ބްލޮކް ގްރާންޓް"ގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ވަކި ވަކި ކައުންސިލްތަކަށް ދޭން ލަފާ ކުރާ އަދަދުތައް އާންމުކޮށްފަ އެވެ. އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދެނީ މާލޭ ސިޓީ ކައުންސިލަށެވެ. މާލެ ސިޓީ ކައުންސިލަށް 166 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދެނީ އައްޑޫ ސިޓީ ކައުންސިލަށެވެ. އެ ކައުންސިލަށް 75 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދެ އެވެ. ތިން ވަނައަށް އެންމެ ބޮޑު ބަޖެޓެއް ދެނީ ފުވައްމުލަކު ސިޓީ ކައުންސިލަށެވެ. އެ ކައުންސިލަށް 48 މިލިއަން ރުފިޔާ ދޭ އިރު ކުޅުދުއްފުށި ސިޓީ ކައުންސިލަށް 36 މިލިއަން ރުފިޔާ ދޭން ވަނީ ކަނޑައަޅައިފަ އެވެ.
ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދިނުމަށް ކަނޑައަޅާފައިވަނީ ގދ. ތިނަދޫ ކައުންސިލަށެވެ. މިގޮތުން ތިނަދޫ ކައުންސިލަށް 25 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ.
ހިލޭ އެހީ އެންމެ ގިނައިން ލިބޭ ރަށު ކައުންސިލްތައް
ގދ ތިނަދޫ ކައުންސިލް: 25 މިލިއަން ރުފިޔާ
ލ. ގަމު ކައުންސިލް: 20.2 މިލިއަން ރުފިޔާ
ޅ. ނައިފަރު ކައުންސިލް: 19.9 މިލިއަން ރުފިޔާ
ރ. ދުވާފަރު ކައުންސިލް: 16 މިލިއަން ރުފިޔާ
ހއ. ދިއްދޫ ކައުންސިލް: 15 މިލިއަން ރުފިޔާ
ކ. މާފުށި ކައުންސިލް: 15 މިލިއަން ރުފިޔާ
ގއ. ވިލިނގިލި ކައުންސިލް: 15 މިލިއަން ރުފިޔާ
ކައުންސިލްތަކަށް ދޫކުރާ ގްރާންޓް އެހީގެ އަދަދު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި މިވަނީ ކައުންސިލްތަކުގެ 2023-2025 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުމަށް އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަަލަށް ފުރުސަތު ދިނުމަށްފަހު އެވެ.
ކައުންސިލްތަކުން ބަޖެޓް އެކުލަވާލާއިރު ދައުލަތުގެ ބަޖެޓުން ގްރާންޓް އެހީގެ ގޮތުގައި ލިބޭ އަދަދާއި ސަރުކާރުގެ ވަކިވަކި އިދާރާތަކުން އެކި ކަންކަމަށް ލިބޭނެ ކަމަށް ލަފާ ކުރާ އަދަދުތައް ވެސް ހިމަނަންޖެހެ އެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން ކައުންސިލްތަކަށް ހިލޭ އެހީ ދިނުމަށް ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. ސަރުކާރުގެ ނިންމުމާ އެއްގޮތަށް 2020 ވަނަ އަހަރުން ފެށިގެން އެހީ ދެމުން ގެންދެ އެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
