
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
# މޫސުން# ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީFiyoaree
ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން އިލްތިމާސްކުރައްވައިފިއެވެ.

އެންޑީއެމްއޭއިން ނެރުނު އިއުލާނެއްގައި ވިދާޅުވީ، ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ދެދުވަހު، ހުޅަނގާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އާއްމު ވައި ގަދަވެ، ކަނޑުތައް ގަދަވެ، ވިއްސާރަކޮށް ގުގުރުން އެކަށީގެން ވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިލް ލަފާކޮށްފައިވާ ކަމަށެވެ.
އަދި ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް އެއިދާރާއިން މައުލޫމާތު ދެއްވާ ކަމަށްވެސް އެންޑީއެމްއޭއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެން ކަމުން އާންމު ރައްޔިތުންގެ މުދަލާއި އިމާރާތްތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެއިދާރާއިން އިލްތިމާސް ކުރެއެވެ.
ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:
ވާރޭ ވެހުމާއި އުދައަރައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.
ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. އެގޮތުން ގޭގެ ގޮތުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެހުން.
ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.
ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭ ނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުން ކޮށްގެން އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން.
ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން.
ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީން ކުރުން.
މިދެންނެވި ކަންތައްތަކަށް ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޙާއްސަ ސަމާލުކަމެއް ދެއްވުމަށް އެއިދާރާއިން އެދިފައިވެއެވެ.
މިއަދު ދިޔަވަރު އެންމެ ބޮޑުވި ގަޑީގައި ރާއްޖޭގެ ގިނަ ރަށްތަކަށް އުދަ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.






