މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވަޓެކް!
ޙުސައިން އާހިލް
6/28/2022, 7:01:02 PM
photo_2022-06-24_19-49-19
ހަވަރު ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ، ހަވަރު ވިމެންސް ހޭންޑް ބޯލް ޓޯނަމެންޓުގެ މިއަހަރުގެ މުބާރާތް ކަމުގައިވާ މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022 ގެ ޕްރިންޓިންގ ޕާޓްނަރގެ ގޮތުގައި ނޯވާޓެކް ހަމަޖައްސައިފިއެވެ.
ނޯވާޓެކަކީ ފުޅާ ދާއިރާއެއްގައި ޕްރިންޓިންގެ އެކި ޚިދުމަތްތައް ދެމުން އަންނަ ތިނަދޫގެ ނަން މަޝްހޫރު ވިޔަފާރި އެކެވެ. މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް މުބާރާތުގެ ޕްރިންޓިން ޕާޓްނަރ ގެ ގޮތުގައި ނޯވަޓެކް ހަމަޖެހުމާއެކު، މުބާރާތަށް ބޭނުންވާ ކެންވަސްއާއި އެހެނިގެން ޕްރިންޓުކުރަން ޖެހޭ ތަކެތި ޕްރިންޓު ކުރާނީ ނޯވާޓެކުންނެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މި މުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.
ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރގެ ގޮތުގައި ނޯވާޓެކް ހަމަޖެއްސިއިރު، އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.
މި މުބާރާތް މިއަހަރު ބާއްވާނެކަމަށް ހަވަރުސްޕޯޓްސްއިން އިއުލާނުކުރީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ އަންހެން ހޭންޑް ބޯލް މުބާރާތް ކަމުގައިވާ މަކިޓާ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 1 ވަނަ ދުވަހަށް ހަމަވިއިރު، މުބާރާތުގައި 8 ޓީމަކުން ބައިވެރިވިއެވެ. ނަމަވެސް ޓީމް ލިސްޓު ހުށައެޅުމަށް ދިން މުއްދަތު މިމަހުގެ 18 އަށް ހަމަވިއިރު ޓީމް ލިސްޓު ހުށައެޅީ 7 ޓީމަކުންނެވެ. އެއާއެކު މުބާރާތުގައި ކުޅޭނީ 7 ޓީމެވެ. އެ ހަތް ޓީމުގެ މެދުގައި ގުރުއަތުލުން ބާއްވައި، މުބާރާތުގެ ޝެޑިއުލް ވަނީ އިއުލާންކޮށްފައެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއަހަރުގެ މުބާރާތަކީ ހަވަރު ސްޕޯޓްސްއިން ބާއްވާ ވުމެންސް ހޭންޑްބޯލް ޓޯނަމެންޓްގެ 4 ވަނަ މުބާރާތެވެ.