
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގެ ޝަކުވާ ބަލާ ކޮމެޓީ އެކުލަވާލައިފި
# މޯލްޑިވްސް ބާ ކައުންސިލްezgif.com-gif-maker (6)
މިމަހުގެ 11 ވަނަ ދުވަހު ބާއްވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސައި، "ޝަކުވާ ބަލާ ކޮމެޓީ" އެކުލަވާލައިފި އެވެ.

ބާ ކައުންސިލުން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ އިންތިޚާބާގުޅޭ ޝަކުވާތައް ބެލުމަށް ހަމަޖެހިފައިވަނީ، ގަވާއިދު ނަންބަރު: R-62/2022 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިތީއަށް މެންބަރުން އިންތިޚާބުކުރުމުގެ ގަވާއިދު) ގެ ދަށުން ޤާއިމުކޮށްފައިވާ ޢާންމު މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުން އެކުލެވޭ "ޝަކުވާ ބަލާ ކޮމިޓީ" އިން ކަމަށެވެ. އެގޮތުން އެ ކޮމިޓީއަށް އައްޔަންކޮށްފައިވާ މެމްބަރުންނަކީ ޒިމްނާ ޢަބްދުލްމުޙްސިން އާއި ޙުސައިން ވަޙީދު އަދި ޢަބްދުއްސަލާމް ލުޠުފީ އެވެ.
އެ ކައުންސިލުން ބުނީ އިންތިޚާބާގުޅިގެން އެކުލަވާލާފައިވާ ޝަކުވާ ބަލާ ކޮމިޓީން މިމަހުގެ ދެވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއަރޕާސަންގެ މަޤާމަށް ޒިމްނާ ޢަބްދުލްމުޙްސިން އަދި ވައިސް ޗެއަރޕާސަންގެ މަޤާމަށް ޙުސައިން ވަޙީދު ޢައްޔަނުކޮށްފައިވާ ކަމަށެވެ.
އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 ޖޫން 2022 ވާ ހޮނިހިރު ދުވަހު ވޯޓުގެ ވަގުތީ ނަތީޖާ އިޢުލާނުކުރުމާ ހަމައަށެވެ. އިންތިޚާބާގުޅޭ ޝަކުވާތައް އެކަމަށް ޚާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށް، 11 ޖޫން 2022 ވާ ހޮނިހިރުދުވަހުގެ 11:15 ގެ ކުރިން ހުށަހެޅުއްވުން އެދޭ ކަމަށްވެސް ބާ ކައުންސިލްގެ އިއުލާނުގައި ވެއެވެ.





