
285188241_10159489164631939_6802932748684035730_n
އުރީދޫ މޯލްޑިވްސް އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތުގެ ޓްރަޔަލް ރަސްމީކޮށް ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ މި އަހަރުގެ ޖެނުއަރީ މަހު އެމްއެމްއޭ އިން އުރީދު އަށް އިންޓަނޭޝަނަލް ރެމިޓެންސް ލައިސަންސް ދީފައިވާ ކަމަށެވެ. އެއީ ބޭރުގެ ގައުމުތަކާއެކު ފައިސާގެ މުއާމަލާތުތައް ކުރުމަށް ދޭ ހުއްދައެކެވެ.
އުރީދޫން ބުނީ މި ލައިސަންސް ދޫކުރެވުނު ދުވަހުން ފެށިގެން އެ ކުންފުނީގެ ސިސްޓަމްތައް ބައިނަލްއަގްވާމީ ޕާޓްނަރުންނާއި އިންޓަގްރޭޓްކޮށް، މި ސިސްޓަމްގެ ތަފާތު ޓެސްޓުތައް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޙިދުމަތް ރަސްމީކޮށް އިފްތިތާހުކުރެވުމުން އެމް-ފައިސާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބައިނަލްއަގުވާމީ މަނީ ޓްރާންސްފާގެ ހިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ މޮބައިލް މަނީ ދާއިރާއިން ހާސިލުކުރެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް އުރީދޫން ބުނެ އެވެ.
އެގޮތުން ކުރިއަށް އޮތް މަސްތަކުގައި މި ހިދުމަތް ރަސްމީކޮށް ތައާރަފްވުމުން، އެމް-ފައިސާ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް ކޮންމެތާކުން، ކޮންމެވަގުތަކުވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވާލެވޭނެ ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.
އެމް-ފައިސާ ވޮލެޓުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނީ ދިވެހި ރުފިޔާއިންނެވެ. އަދި ފައިސާ ލިބޭ ފަރާތައް ފައިސާ ލިބޭނީ އެމީހެއްގެ އެކައުންޓަށް ނުވަތަ ޑިޖިޓަލް ވޮލެޓްތަކަށް ޑޮލަރު ނުވަތަ އެ ގައުމެއްގެ ފައިސާއިންނެވެ.
އުރީދޫ ބުނީ، ޑިޖިޓަލް ވޮލެޓް، އެމް-ފައިސާގެ ހިދުމަތް ރާއްކާތެރިވާނެ ކަމަށެވެ. ޑިޖިޓަލް ފައިސާގެ ހިދުމަތް ދެމުން ދާތާ ފަސް އަހަރު ވެފައިވާއިރު އެ ހިދުމަތުގެ އެއް ވެސް މައްސަލައެއް ދިމާވެފަައި ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.