
FS8-yx7UAAUxuzK
ދުނިޔޭގައި ފާހަނގަ ކުރާ ޓެލެކޮމިއުނިކޭޝަން ދުވަހާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން އިސްރަށްވެހިންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ "އިސްރައްވެހިޕްލޭން" އަކީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފައިވާ ގޮތަށް ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރިއުޅުމެއް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ޕްލޭނެއް ކަމަށެވެ.
ޖެންޑާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕެކޭޖް އިފްތިތާހުކޮށްދެއްވީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ. ޕެކޭޖް އިފްތިތާހުކޮށްދެއްވައި މިނިސްޓަރި ވިދާޅުވީ އުރީދޫގެ ސީނިއާ ސިޓިޒަން ޕޯސްޓްޕެއިޑް އޮފާއާ އެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާ އެކު ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުން އިތުރު ވެގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ.
އުރީދޫން ބުނީ "އިސްރަހަވެހިންގޭ ޕެކޭޖް" މެދުވެރިކޮށް 60 އަހަރުން މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި އަދި އާއިލާ އާއި ރައްޓެހިންނާ ގުޅައިލުމަށް ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ. އަދި މި ޕެކޭޖަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ކްލަބް ޕްރިމިއާ ގޯލްޑް މެމްބާޝިޕާ އެކު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ހާއްސަ އޮފާތައްވެސް ލިބިގެންދާނެ ކަމަށް ބުންޏެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުއްމީދަކީ މިހާރަށް ވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކަށް އާ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.
"އިންޓަނެޓް މިވަނީ ވަރަށް ހަލުވިކަމާއެކު ދިރިއުޅުމުގެ އަސާސީ ބޭނުމަކަށްވެފައި. ޓެކްނޮލޮޖީއަށް މިހާރު އަޅުގަނޑުމެން ބަރޯސާވެފައި މިއޮތީ ހަމައެކަނި މުވާސަލާތު ކުރުމަށް އެކަންޏެއް ނޫން. މައުލޫމާތު ހޯދައި، އަޅުގަނޑުމެންގެ އިގުތިސޯދު ކުރިއެރުވުމަށާއި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ތަކެއް ފޯރުކޮށްދިނުމަށްވެސް ޓެކްނޮލޮޖީ މުހިންމު ރޯލެއް އަދާކުރޭ. އެހެންކަމުން ޑިޖިޓަލް ކުރިއެރުންތަކުގެ މަންފާގައި ހުރިހާ އުމުރެއްގެ މީހުން ޝާމިލުކޮށް ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އިސް ރަށްވެހިންގެ ޖިސްމާނީ، އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮން އިތުރުކުރުމަށާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު ހަލުވިކުރުމުގެ ގޮތުން އުރީދޫން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގުރާމްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމަކީ 2018 ވަނަ އަހަރު އުރީދޫން ތައާރަފުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.