ރާއްޖޭގެ އިގްތިސާދީ ދުވެލިބާރު ނަމަވެސް ދަރަނިބޮޑުވުމަކީ ކަންބޮޑުވުމެއް: ވޯލްޑް ބެންކް
އަލްފާ އަލީ
4/14/2022, 1:52:41 PM
arton20671
ރާއްޖޭގެ އިގްތިސޯދުގެ ދުވެލި ބާރު ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވަމުން ދިއުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވޯލްޑް ބޭންކް އިން ބުނެފި އެވެ.
ވޯލްޑް ބޭންކް އިން މިއަދު ނެރުނު ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް ރީޝޭޕިން ނޯމްސްގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވި މިނެއްގައި އިއާދަވަމުން އައުމުގެ ސަބަބުން މި އަހަރު ރާއްޖޭގެ އިގްތިސާދު 7.6 ޕަސެންޓަށް ކުރިއަރައި އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދު ކުރިއަރައި އަންނަ އަހަރު އިއާދަވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ވޯލްޑް ބޭންކް އިން ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ބެންކުން ނެރުނު 'މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް'ގެ އެންމެ ފަހުގެ އަދަދުގައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިއާދަވަމުން އައުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރު ދައްކުވައިދިނުމުގެ އިތުރަށް، އިގްތިސާދީ ކުރިއެރުމަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެފައެވެ. އަދި މެދުރާސްތާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރުގަދަވާނެ ކަމަށް ލަފާކުރެވޭއިރު، 2023 ވަނަ އަހަރު ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ނަމަވެސް، ޖީޑީޕީގެ ނިސްބަތުން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިއާ އާއި ޔޫކްރެއިންއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ވަނީ ނާޒުކު ހާލަތެއް ކުރިމަތިވެފައި ވާކަން ފާހަގަކޮށްފައިވެއެވެ. އަދި ޔޫކްރެއިންގެ ޓޫރިސްޓުންގެ އަދަދު ދިގު މުއްދަތަކަށް މަދުވުމާއި، ކޮވިޑް-19ގެ އާ ރާޅުތަކުގެ ސަބަބުން ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވީނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޒަމާނުއްސުރެ ހިއްސާވާ ގައުމުތަކުންނާއި އާ މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް އޮތްކަމަށް ވޯލްޑް ބެންކުގެ އިގްތިސާދީ އަޕްޑޭޓުގައި ބުނެފައިވެއެވެ.
ރާއްޖެ އާއި އޭޝިއާގެ ގިނަ ގައުމުތަކުގެ އިގްތިސޯދުގެ ރިވިއުއެއް ހެދުމަށްފަހު ބުނެފައިވާ ގޮތުން މި އަހަރު 6.6 ޕަސެންޓް އަދި އަންނަ އަހަރު 6.3 ޕަސެންޓަށް އިގްތިސޯދުތައް ކުރިއަރާނެ އެވެ. ނަމަވެސް ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރި އަސަރުތަކުގެ ސަބަބުން މި އަހަރުގެ ޖެނުއަރީ މަހު އަންދާޒާއާ އަޅާބަލާއިރު 1.0 ޕަސަންޓް ދަށްވާނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން މި ހަނގުރާމައިގެ ސަބަބުން އިންފްލޭޝަން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ބުނެފައިވެ އެވެ.
ދެކުނު އޭޝިޔާގެ ގައުމުތަކުން މިހާރުވެސް ދަނީ ތަކެތީގެ އަގުތައް އުފުލެމުން ދިއުމާއި ސަޕްލައިގެ ދަތިކަމާ އަދި މާލީ ދާއިރާތަކުގެ ނާޒުކުކަމާ ކުރިމަތިލާންޖެހިފައެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ގޮންޖެހުންތައް އިތުރުވެ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރަށް އުފުލި އަދި މާލީ ހާލަތު މިހާރަށް ވުރެ ގޯސްވެގެންދާނެކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.