logoEN
cocacola
ޑރ. ޝަހީމްގެ ގަލަމުން - އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތް

ޑރ. ޝަހީމްގެ ގަލަމުން - އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތް

# ދީން# ޑރ. ޝަހީމް

Israa-aai-miuraaj-ge-muoojizai-pa8ci5y3opmrp4gdlycrvs6p44xq3h2ta1w9wszswk

ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންނަށް މާތް ﷲ މުޢުޖިޒާތްތައް ދެއްވަނީ އެބޭކަލުންގެ ނުބުއްވަތުގެ ތެދުވެރިކަން ސާބިތުކުރައްވައި ﷲ ވޮޑިގެންވާކަމުގެ ޙުއްޖަތް ޤާއިމު ކުރެއްވުމުގެ ގޮތުންނެވެ. މުޢުޖިޒާތަކީ އިންސާނީ ބުއްދީގެ ތަޞައްވަރުން ބޭރުން ފިޠުރަތުގެ ޤާނޫނުން ވެސް ބޭރުން ހިނގާ އާދަޔާ ޚިލާފު ކަންކަމެވެ. އެއީ ކޮންމެހެން މިޒަމާނުގެ ސައިންސަށް ސާބިތުވާން ޖެހޭ ކަމެއްވެސް ނޫނެވެ. މިސާލަކަށް އަލިފާނަށް މީހަކު ލުމުން، އެމީހަކު ނުއަނދައި ސަލާމަތުން އިންނާނެ ގޮތެއް ސައެންސުން ސާބިތުކުރެވޭނެ ގޮތެއް އޮވެދާނެބާވައެވެ؟ ނުވަތަ ފަރުބަދައެއްގެ ތެރެއިން ޖަމަލެއް ނިކުތުން ސައެންސުން ސާބިތުކުރެވޭނެ ގޮތެއް އޮންނާނެ ތޯއެވެ؟ ނުވަތަ ލަކުނޑި އަސައެއް ހަރުފައަކަށް ބަދަލުވުން ސައެންސުން ސާބިތުވާނެ ގޮތެއް އޮންނާނެތޯއެވެ؟ ނުވަތަ މަރުވެފައިވާ މީހަކު އަލުން މި ދުނިޔެއަށް ދިރުވުން ސައެންސުން ސާބިތުވާނެ ގޮތެއް އޮންނާނެ ތޯއެވެ؟ ނުވަތަ އަތް ބީއްސާލުމުން ބަލިތަކަށް ޝިފާ ލިބޭނެ ގޮތް ސައިންސުން ސާބިތުވާނެ ހެއްޔެވެ؟ ސައެންސަކީ ފުރަތަމަ އިންސާނާގެ އުފެއްދުމެވެ. މިއަދުގެ ޞައްޙަ ނަޒަރިއްޔާއެއް މާދަމާ އެހެން ޢިލްމީ

ގޮސިޔާ

ޙަޤީޤަތްތަކެއްގެ އަލީގައި ދޮގު ނަޒަރިއްޔާއަކަށް ވެސް ވެދާނެއެވެ. ސައެންސްގެ ޤަދަރު ކުޑަކުރަނީ އެއްނޫނެވެ. ޤުރުއާނުގައި ބަޔާންވެގެންވާ ކިތައްމެ ޙަޤީޤަތްތަކެއް މިޒަމާނުގެ ޢިލްމީ ޙަޤީޤަތްތަކާ އެއްގޮތްވެފައި އެބަހުއްޓެވެ. ފަލަކުގައިވާ ޕްލެނެޓްތައް ދައުރުވާ ވާހަކަތަކާއި ވާރޭ ވެހުމާއި ބަނޑުގައި ދަރި އުފެދޭ ގޮތާއި ބިމަކީ ވަށް އެއްޗެއްކަމާ މި ކަންކަމަކީ ޤުރުއާނުގެ ބަޔާންވެގެންވާ ޙަޤީޤަތްތަކެވެ. އަދި މިޒަމާނުގެ ޢިލްމުވެސް އެއާ އެއްގޮތަށް ނަޒަރިއްޔާތައް ޤާއިމުވެފައިވާ ޙަޤީޤަތްތަކެވެ. ނަމަވެސް މުޢުޖިޒާތްތަކަކީ މުޅިން ތަފާތު ކަމެކެވެ. މުޢުޖިޒާތްތަށް އިންސާނުންގެ ޢިލްމީ ނަޒަރިއްޔާތަކަށް އެއްގޮތްވާކަން ނުޖެހޭނެއެވެ.

އިސްވެ ބަޔާންކުރި މުޢުޖިޒާތްތަކަކީ ސީދާ ރަސޫލުބޭކަލުންނަށް ދެއްވި މުޢުޖިޒާތްތަކެކެވެ. އެގޮތުން އިސްރާއާއި މިޢުރާޖުގެ ހާދިސާއަކީ ވެސް މަތިވެރި ވެގެންވާ މުޢުޖިޒާތެކެވެ. އިސްރާއު އަކީ މައްކާއިން ބައިތުލްމަޤުދިސަށް ކުރެއްވި ދަތުރެވެ. މިޢުރާޖަކީ ބައިތުލްމަޤުދިސުން މަތިވެރިވެގެންވާ އުޑުތަކަށް ކުރެއްވި ދަތުރެވެ. އެއީ އިންސާނަކަށް ދެއްވި އެންމެ މަތިވެރި ޝަރަފެވެ. އެކަމުގެ މައްޗަށް އެކަލޭގެފާނަށް މާތް ﷲ ތަޢުރީފްގެ ބަސް ވަޙީކުރައްވައި، އެކަލާނގެޒާތުފުޅު މަތިވެރިކުރައްވާފައިވެއެވެ. އިސްރާއާއި މިޢުރާޖުގެ ވާހަކަ، އަލްއިސްރާއު ސޫރަތާއި އަންނަޖުމު ސޫރަތުގައި ބަޔާންވެގެންވެއެވެ.

ކޮންމެހެން އެ މުޢުޖިޒާތް ޢިލްމީގޮތުން މިޒަމާނުގައި ސާބިތުކުރަން ނުވެސް ޖެހެއެވެ. އެއަށް ޖެހޭނީ އީމާންވާށެވެ. އިސްރާއާއި މިޢުރާޖުގެ ހާދިސާއަކީ ޤުރުއާނާއި ސުންނަތާއި މި އުންމަތުގެ ދަންނަބޭކަލުންގެ އިޖުމާޢުން ސާބިތުވާ މުޢުޖިޒާތެކެވެ. އިތުރު އެކަލޭގެފާނު އިސްރާއާއި މިޢުރާޖުގެ ދަތުރުކުރެއްވީ އާދަޔާ ޚިލާފު ބާރު ބިނެއްގައި ދަތުރު ކުރާ ސަވާރީ( ބުރާޤު) ގައެވެ. އެއީ ޙިމާރާއި ބަޣަލާ ދެމެދުގެ މިނެއްގައިވާ ދާއްބައެވެ. ބުރާޤް އަކީ ( ބަރަޤް) އިން ނެގިފައިވާ ލަފްޒެކެވެ. އެއީ ވިދުވަރެވެ. ބުރާޤު އެއަށް ކިޔަނީ ވިދުވަރެއް ފަދައިން ދަތުރު ކުރާތީއެވެ. މިސަވާރީގައި ޖިބްރީލްގެފާނުގެ އަރިހުގައި ދަތުރު ކުރެއްވިއެވެ. އެކަލޭގެފާނުގެ އެދަތުރުފުޅު ކުރައްވާފައިވަނީ ރޫޙާއި ހަށިގަނޑާއެކު، އެވެ. ރޫހުގައި އެކަނި ކުރެއްވި ދަތުރެއް ނަމަ ސަވާރީއެއް ބޭއްނުމެއް ނުވީހެވެ.

ބުރާޤުގައި ދަތުރުކުރެއްވިކަން އެއީ ޚިލާފެއް ނެތި ސާބިތުވާ ކަމެކެވެ. މި އީ އެކަލޭގެފާނުގެ ރޫޙުފުޅާ އެކު އެކަނި ކުރެއްވި ދަތުރެއް ނަމަ އެކަން މުޢުޖިޒާތަކަށް ނުވީހެއެވެ. ނުވަތަ އެއީ ހުވަފެން ފުޅެއް ނަމަ ވެސް މުޢުޖިޒާތަކަށް ނުވީހެވެ. މުޢުޖިޒާތަކަށްވީ، އެ ފަދަ ބާރުމިނެއްގައި ދަތުރު ކުރާ ސަވާރީއެއްގައި ހަށިގަނޑާއި ފުރާނައާއެކު ހޭފުޅުގައި ހުންނަވައިގެން ކުރެއްވި ދަތުރަކަށްވީތީއެވެ. އެތައް ރާސްތާއެއްގެ ދުރުމިނުގެ ދަތުރެއް މަދު ވަގުތުކޮޅެއްގެ ތެރޭގައި ކުރެއްވުމަކީ މުޢުޖިޒާތެވެ. އެހެން ނޫން ނަމަ މައްކާގެ މުޝްރިކުން އެހާ ބޮޑަށް އެކަމަށް އިންކާރު ނުކުރީހެވެ. އެމީހުން އެކަމަށް އިންކާރު ކުރުމުން، މަގު މަގުމަތިން ދިމާވި ޤާފިލާގެ ވާހަކަވެސް އިތުރުއެކަލޭގެފާނު އެމީހުންނަށް ބަޔާންކޮށްދެއްވިއެވެ. ސަލަފުއްޞާލިޙުންނާއި މިއުންމަތުގެ ޖުމުހޫރު ޢިލްމުވެރިންގެ ރައުޔަކީ އެއީ ހަށިގަނޑާއި ފުރާނައާއި ( ޖިސްމު) އެކީގައި ކުރެއްވި ދަތުރެއްކަމުގައެވެ. އެއީ ރޫހުގައި އެކަނިވި ކަމެއް ނަމަ އެކަމުގެ މައްޗަށް ﷲ އެކަލާނގެ ޒާތުފުޅަށް ތަޢުރީފްގެ ބަސް ވަޙީނުކުރެއްވީހެވެ. (سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ ﴿١﴾) އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

އިސްރާއާއި މިޢުރާޖަކީ ޤުރުއާނަށް ފަހު، ﷲ، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެއްވި އެންމެ މަތިވެރި މުޢުޖިޒާތެވެ. ނަމާދު ފަރުޟުކުރެއްވީ އެ މުޢުޖިޒާތުގެ ތެރޭގައެވެ. އަދި އެއީ ބައިތުލްމަޤުދިސްއާ ގުޅިފައިވާ މުޢުޖިޒާތެއްކަމުން އަލްމަސްޖިދުލްއަޤުޞާއާ މުސްލިމުންނާ އޮންނަ ގުޅުން ކަނޑުވާލަންވެސް ޒަޔަނިސްޓުން އަޑީގައި ތިބެގެން އިސްރާއާއި މިޢުރާޖަކީ ދޮގެންކަން ދައްކަން މަސައްކަތްކުރެއެވެ.

އެޑިޓަރުގެ ނޯޓު: މިއީ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުގެ ވެބްސައިޓުގައި ޝާއިއުކުރައްވާފައިވާ ލިއުމެކެވެ. މި ލިއުން ގާފު އޮންލައިންގައި ޝާއިއުކޮށްފައިވަނީ ޑރ. ޝަހީމްގެ ހުއްދައާ އެކުގައެވެ.
މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ