
5fe0d2e1-d327-42a7-88c9-77ed33434ebc-1536x1025
އިސްލާމީ ދައުލަތުގެ އުސޫލުތައް ދިވެހި ދައުލަތުގެ އަށަ ގެނުމަށް ޓަކައި ގާނޫނު ހަދާ މަޖިލީސް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި އިސްލާމީ ޝަރީއަތުގެ އެޑްވައިޒަރެއް ހުންނަވަން ވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދެއްވަމުންނެވެ. ޑރ. ޝަހީމް ވިދާޅުވީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި އިސްލާމީ ޝަރީއަތާ ވަރަށް ގުޅުން ހުރި ކަންކަން ހިމެނިފައި އޮތް އިރު، ޖުޑިޝަރީ ކޮމިޓީގައި ބިލު ދިރާސާކޮށް ނިންމައި އެކުލަވާލި ރިޕޯޓް އޮތީ ކުރިން އޮތް ހާލަތަށް ވުރެ ވެސް ގޯސްކޮށް ކަމަށެވެ.
އެއް ކަމަކަށް ޝަހީމް ވެސް ފާހަގަކުރެއްވީ ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓަރު ވެސް ސީދާ މަޖިލީހަށް ހާޒިރުކޮށްގެން މި ބިލަށް ޚިޔާލު ނުހޯދުމުން ދިމާވި މައްސަލައެއް ކަން ކަމެވެ.
އިތުރު ކަމަކަށް ޝަހީމް ފާހަގަކުރައްވަނީ މަޖިލީހުގައި ވެސް މިފަދަ ޚާއްސަ ގުނަވަނެއް އޮތުމުގެ މުހިއްމު ކަން ވެސް އޮތް ކަމުގައެވެ. އިސްލާމީ ޝަރީއަތާ ޚިލާފަށް އެއްވެސް ގާނޫނެއް އެކުލަވާލެވިދާނެ ކަމުގެ ހިރާސް ނެތިގެންދާނީ ކޮމިޓީއެއް ނޫނީ ޚާއްސަ އެޑްވައިޒަރެއް ހުރެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"އިސްލާމީ ޝަރީއަތާ ޚިލާފަށް އެއްވެސް ގާނޫނެއް ނުހެދޭ ކަން ނޫނީ އެކުލަވާ ނުލެވޭ ކަން ކަށަވަރު ކުރާން ޖެހޭނެ. ކައުންސިލަ ޖެނެރަލްއެއް ހުރޭ ދެއްތޯ މަޖިލީހުގަ މިހާރު ވެސް، މި ކަމަށް ވެސް އެޑްވައިޒަރަކު ހުންނަން އެބަ ޖެހޭ،" ޝަހީމް ވިދާޅުވިއެވެ.
އިސްލާމް ދީނާ ޚިލާފަށް އުޅޭ ކަމުގެ ތުހުމަތު މީހަކުގެ މައްޗަށް ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހިސާބުން އިސްލާމީ ޝަރީއަތުގެ ކަންކަން މަޖިލީހުގައި ބޮއްސުން ލައިގެންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަށް އިލްމުވެރިންނާއި އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.