
ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްއާ ގުޅޭ ސްޓަޑީއެއް ހެދުމަށް ކޮންސަލްޓެންޓަކާ ހަވާލުކޮށްފި
# ހަޔަރ އެޑިއުކޭޝަން# ފުރަތަމަ ޑިގްރީIMG_9950
ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމާ ގުޅޭ ސްޓަޑީއެއް "ފަސްޓް ޑިގްރީ ގްރާންޓް ސްކީމް އިމްޕެކްޓް އެސެސްމެންޓު" ގެނަމުގައި ހެދުމަށް ކޮންސަލްޓެންޓަކާ ހަވާލުކޮށް އެގްރީމެންޓުގައި މިއަދު ސޮއިކޮށްފި އެވެ.

މި ސްޓަޑީ ހެދުމުގެ މައިގަނޑު މަޤްސަދަކީ ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފް ކުރުމުން ކޯސްތަކުގައި ބައިވެރިވާ، ކޯސް ނިންމާ އަދި ކޯސް ފުރިހަމަނުކޮށް ކޯހުންވަކިވާ ދަރިވަރުންގެ އުމުރު އަދި ޖިންސު އެނގޭނެހެން ތަފާސް ހިސާބު މުރާޖައާ ކުރުމާއި، ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފުކުރިފަހުން މަތީތަޢުލީމުދޭ މަރުކަޒުތަކުން ކިޔަވައިދޭ ފަސްޓް ޑިގްރީ ކޯސްތަކަށް އައި ބަދަލުތައް މުރާޖައާ ކުރުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނުމާ ގުޅިގެން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ފެއްޓެވި، "ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުން" ސްކީމް، 14 ފެބްރުއަރީ 2019 ވަނަ ދުވަހު އެ މަނިކުފާނު ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ.
ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގެ ދަށުން މިހާތަނަށް 13,911 ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު މިހާތަނަށް ދެވިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.





