logoEN
cocacola
ކޮލަމް: ކޮވިޑާ ގުޅިގެން ތިނަދޫގެ ހާލަތަށް ނަޒަރެއް!

ކޮލަމް: ކޮވިޑާ ގުޅިގެން ތިނަދޫގެ ހާލަތަށް ނަޒަރެއް!

ކ.ތ.ޒ

logo

6/6/2021, 9:30:34 AM

# ގދ.ތިނަދޫ# ކޮލަމް# ކޮވިޑް19

DSC_4126

ގދ. ތިނަދޫ ގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން ޢާންމުން ބިރުވެރި ކަމެއްގައި ތިބި އިރު ހާލަތު ކޮންޓްރޯލް ކުރަން ތިބި މީހުންގެ ފަރާތުން އެންމެ ހަރދުނާ ސިފަތައް ނުފެންނަ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ. ދޯދިޔާ އަމަލު ތަކުގެ ސަބަބުން ހާލަތު ކޮންޓްރޯލް އިން ނެއްޓި ހިގައިދާނެ ކަމުގެ ބިރު ހީވާން ވަނީ ފަށާފައެވެ. ވަކި ބަޔަކަށް ވަކި ގޮތަކަށް އަމަލު ކުރެވޭ ކަން ވަނީ އަމަލުން ފެންނަން ފަށާފައެވެ. އީ.އޯ.ސީ އިން ހަރުދަނާ ނިންމުން ތައް ނިންމަން ވެއްޖެއެވެ. އަދި އަލަށް މަސްއޫލިއްޔަތާއި ހަވާލުވި ކައުންސިލަރުން ހިމަނައިގެން އައު އީ. އޯ.ސީ ގާއިމް ކުރުން މިހާރު މާ ލަސް ވެސް ވެއްޖެއެވެ.

ގޮސިޔާ

ޤާބިލު، ޒުވާން ކައުންސިލެއް ހޯދުމަށް ބުނެ ހޯދި ޒުވާން ކައުންސިލަރުން ވެސް މި ފެންނަނީ އެހާމެ ވަކަ ކޮށެވެ. ވަޒީފާގެ މަސްއޫލިއްޔަތާ ހާވާލު ވި އިރު ބޯ މަތިވެފައި މިވާ ވަބާ އިން ސަލާމަތް ވުމަށް ގިނަ ގުނަ މަސައްކަތް ތަކެއް ކުރަން ޖެހެއެވެ. އެކަމަށް ޚާއްސަ ސްޓްރެޓެޖިކް ޕްލޭން ތަކެއް ރާވާލަން ޖެހެއެވެ. ނަމަވެސް ކައުންސިލް ގެ ބައެއް ބޭފުޅުންގެ ފަރާތުން މިއިން ކަމަކަށް ވިސްނާލުމެއް ނެތް ކަހަލައެވެ. އޮފީސްތެރޭ ދެކެވޭ ވާހަކަތައް އޮފީހުން ބޭރުގައި ރައްޓެހިންނާއި ޢާއިލާ ގެ މީހުން ކައިރީ ކިޔަމުން ދަނީ އޭގައި ތިމާމެންގެ ޒިންމާ އޮތްކަން ނޭގި ހެއްޔެވެ. އޮފީސް ތެރޭގައި ދެ ޕާރޓީ މެމްބަރުންގެ މެދުގައި އެކަށީގެންވާ ގުޅުމެއް ނެތް ކަމީ ވެސް ދެރަ ކަން ކަމެވެ.

އާ ކައުންސިލް ރަޢީސް މަގާމާއި ހަވާލު ވިފަހުން ވަނީ ރަށުގެ އެކި ތަންތަނުގައި ބެހެއްޓިފައި ހުރި ޖޯލިފަތި ތަކާއި، ކޮފީ ޝޮޕް ތަކުގެ ބޭރުގައި ބެހެއްޓިފައި ހުރި މޭޒުތައް ނެގުމަށް އަންފާފައެވެ. މަދު ވިޔަފާރި ވެރިއެއް ނޫން އެންމެން އެއަށް ބޯލަބައި ކިޔަމަން ވިއެވެ. ތިމާގެ ރަށުގެ އިސްވެރިޔާގެ ބަސް ބޮލާލާ ނުޖެހުމަށެވެ. އެއަށް ފަހު ކޮފީ ޝޮޕް ތަކުން ޑެލިވަރީގެ ޙިދުމަތް ތަޢާރަފު ކުރިއެވެ. ނަމަވެސް ކުރިން ބުނިހެން އެ އެންގުމަށް އަމަލު ނުކޮށް ތިބި ވިޔަފާރި ވެރިންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، އަމަލު ކުރި މީހުން ވެސް ފަހުން މި ފެނުނީ އެންގުމާއި ޙިލާފުވެ އަނެއްކާ ވެސް މޭޒު ތަކާއި ޖޯލިފަތި ތައް ބޭރަށް ނެރުނު މަންޒަރެވެ. އެންމެން ޤާނޫނުގެ ކުރިމަތީގައި ހަމަ ހަމަވާން ޖެހޭނެކަން ބުނެއެވެ. ދެރައީ ހުދު ކައުންސިލް މެމްބަރުންނާއި އޮފީސް ތަކުގެ ވެރިން ވެސް މި ތަންތަނަށް ކޮފީ ތަކަށް ދާ ކަމެވެ.

ކާފިއު ގަޑި ތަކުގައި ބޭރުގައި އުޅެން ހުއްދަ ލިބިފައިވާ ކެޓަގަރީތަކުގެ ތެރޭގައި އީ.އޯ.ސީ ގެ މެންބަރުން ހިމެނެއެވެ. ތިރީސް މެމްބަރުންނަށް ތިރީސް ފާހެވެ. ނަމަވެސް އުފެދޭ ބޮޑު ސުވާލަކީ ފާހުގެ ބޭނުން އެބޭފުޅުން ބޭނުން ކުރަނީ އެންމެ ރަނގަޅު ގޮތުގައި ތޯ އެވެ. ބޭނުން ގަޑިއެއްގައި ބޭނުން ތަނަކަށް ދިޔުމަށް ދީފައިވާ ފާހުގެ ބޭނުން ކުރަމުންދެއެވެ. ކާފިއު ގަޑިތަކުގައި ބޭރަށް ނުކުމެ އުޅެން ލިބިފައިވާ ހަތިޔާރެއްގެ ގޮތުގައި ބަލައިގަނެގެންނެވެ. އެހެން ކަމުން އެބޭފުޅުން ވެސް ޑިއުޓީ ގަޑިތައް ފިޔަވައި އެހެނިހެން ގަޑި ތަކުގައި ބޭރުގައި އުޅުން މަނާ ކުރެވެން ޖެހެއެވެ.

ކޮވިޑް ގެ ހާލަތު ބަޔާން ކުރުމަށް އީ.އޯ.ސީ އިން ބޭއްވި ބައްދަލު ވުމުގައި " ތިނަދޫ އިން ފުދޭ ވަރަކަށް ކޭސް ފެނިފައިވާ ކަމަށް " ބުނުމުން ސިފަ ވަނީ މިހާރު ތިނަދޫ އިން އެބޭފުޅުން ހިތް ހަމަޖެހޭ ވަރަށް ނުވަތަ ހިތް އެދޭ ވަރަށް ކޭސް ފެނިއްޖެކަމެވެ. ސަބަބަކީ ދިވެހި ބަހުގައި " ފުދޭވަރެއް" މާނަ ކޮށްފައި ވަނީ ކަމެއް ބޭނުން ވާ ވަރު އެންގުމަށެވެ. ކޭސް ތައް ފްލަކަޗުއޭޓް ވަމުން ދާތީވެ ރެންޑަމް ސާމްޕަލް ނެގުމަށް ނިންމައި އެކަން އިޢުލާން ކުރަން ލައުޑް ސްޕީކާރ ބޭނުން ކޮށް ރަށުތެރޭ އިއްވަމުން ގެންދިޔަ މެސެޖް އިން ވެސް ފާހަގަ ވެގެން ދިޔަ ކަމެއް އިނެވެ. އެއީ " ތިނަދޫ ގައި ހިނގަމުންދާ ކޮވިޑް 19 " އެވެ. އަޅެ ފަހެ މިއީ ބަޔަކު ތިނަދޫގައި ހިންގާ އިވެންޓެއްތޯއެވެ. މިފަދަ ބޮޑެތި "ކުށް ބަސް" ބޭނުން ކުރެވޭ އިރު ހޮސްޕިޓަލްގެ މެނޭޖްމެންޓަށާއި ކައުންސިލަށް ހަމަ ނޭގެނީ ހެއްޔެވެ.

ސާމްޕަލްތައް ނެގުމަށް ބަލާ ލަމާ ހިގާށެވެ. އަޅުގަނޑުގެ މަޢުލޫމާތު ގޯސް ކަމުގައި ނުވާނަމަ، ސާމްޕަލް ނެގުން މިހާރު އޮންނަނީ ބަދަލު ކޮށްފައެވެ. މާނައަކީ ކުރިން އޮންނަ ގޮތުންނަމަ ފައްސި ވި މީހެއްގެ އެއްތާ ވި އެންމެންގެ ސާމްޕަލް ތައް ދެ ދުވަސް ތެރޭ ނަގައެވެ. އެހެން ނަމަވެސް މިހާރު ގެނައި ބަދަލާއެކު އެބައި މީހުންގެ ސާމްޕަލް ނެގުން އިންނަނީ ސާދަ ދުވަހުގެ ކަރަންޓީން މުއްދަތު ހަމަ ކުރުމަށްފަހުގައެވެ. ނަމަވެސް އެއްތާވި މީހުންގެ ތެރޭގައި " ހައި ރިސްކް އަދި އަލާމާތްތައް ފެންނަ ބޭފުޅުންގެ ސާމްޕަލް ވަގުތުން ނަގައެވެ. އަދި ސާދަ ދުވަސް ހަމަވުމުންވެސް ނަގައެވެ. އެހެން ނަމަވެސް މި އުސޫލުވެސް އޮންނަނީ ފޮތުގައި އެކަންޏެވެ. މީގައި ވެސް އަމަލު ކުރަނީ ލޮލަށާއި ބޮލަށް ބެލުމަށްފަހުގައި ކަހަލަ އެވެ. މޮޅެތި މީހުންނަށް މޮޅެތި ގޮތް ދެރަ މީހުންނަށް ދެރަ ގޮތެވެ. މިހެން ބުނެވެން އޮތް ސަބަބަކީ ނުފޫޒު ގަދަ މީހުންގެ އާއިލާ މީހަކު ކަރަންޓީން ކުރެވިއްޖެނަމަ ވަގުތުން އެބައެއްގެ ސާމްޕަލް ނެގުމެވެ. އަދި ވީ އެންމެ އަވަހަކަށް އެ ސާމްޕަލްތަކުގެ ނަތީޖާ ލިބޭ ގޮތް ހެދުމެވެ. އެއްކަލަ ދެރަ ނިކަމެތި ރައްޔިތު މީހާގެ ސާމްޕަލް ނެގުމާއި ނަތީޖާ ލިބުމަށް 48 ނުވަތަ 72 ގަޑިއިރު ނަގައެވެ.

ދެން އެންމެ ގިނަބަޔަކު ޝަކުވާ ކުރާ ކަމަކީ ކަރަންޓީނު ކުރެވޭ ގެތަކުގައި ނޯޓިސް ހަރުކުރާ ގޮތް ލަސް ކަމެވެ. ނަމަވެސް ގިނަ މީހުންނަށް ނޭނގޭ ހަގީގަތަކީ ނޯޓިސް ހަރުކުރެވެން އޮންނަނީ ހޮސްޕިޓަލުން ކޮންޓެކްޓް ޓްރޭސިންގ ނިންމާ ފައިނަލައިޒް ކޮށް އެ އެޑްރެސްތައް ކައުންސިލާ ހިއްސާ ކުރުމުންކަމެވެ. މިކަމަށް ބައެއް ފަހަރ ދެ ތިން ދުވަސް ނަގައެވެ. އެހެން ކަމުން ނޯޓިސް ހަރު ނުކުރެވުނު ކަމުގައި ވިނަމވެސް ތިމާ ކައިރީ ކަރަންޓީން ވާން އަންގައިފި ހިދެއްގައި ގޭގައި އެހެންމީހުންނާއި ވަކިން އެކަހެރިވެލާށެވެ. މަދުން ނަމެވެސް ނޯޓިސް ހަރުނުކުރާ ކަމަށް ބުނެ ބޭރަށް ނުކުމެ އުޅޭކަން ފާހަގަ ވެއެވެ. ތިމާ ތަބާވާން ވީ ހަމަ އެކަނި ހަރުކުރާ ގަނޑަކަށް ކަމަށް ނުހަދާށެވެ. ހަތް އުޑުގެ މަތިން ތިބާގެ ޢިލާޙު ތިބާ ގެ އަމަލުތައް ބައްލަވާ ވޮޑިގެން ވާކަން ހަދުމަ ކުރާށެވެ.

ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލްގެ ފޭސްބުކް ޕޯސްޓެއްގައި ފްލޫ ސާމްޕަލް ތައް ގިނަ އަދަދަކަށް ޕޮސިޓިވް ވަމުންދާ ކަން ފާހަގަ ކޮށްފައިވާއިރު ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ގާއިމް ވެފައި ނެތެވެ. މީގެ ކުރިން ވަކިން ކްލިނިކް އެއް ހިންގި ނަމވެސް މިހާރު ބަލީގެ އަލާމާތްތައް ހުންނަ މީހުންނާއި އަލާމާތެއް ނެތް މީހުން ވެސް ޑޮކްޓަރަށް ދައްކަން އިންނަނީ ޖެނެރަލް އޯ.ޕީ.ޑީ އެވެ. އަދި އަލާމަތްތައް ހުންނަ ބަލިމީހުންގެ ސާމްޕަލް ތައް ނަގަމުން ދަނީވެސް މި އޯ.ޕީ.ޑީ ގައެވެ. ސާމްޕަލް ނެގުމަށް ފަހު ދެވަނަ ބަލިމީހަކު ވަނުމުގެ ކުރިން އޯ.ޕީ.ޑީ ޑިސް އިންފެކްޓް ކުރޭ ތޯއެވެ. ޑިސް އިންފެކްޓް ކުރާ ހެނެއް ހިޔެއް ނުވެއެވެ. ސަބަބަކީ އެކަކު ނުކުންނަ އިރަށް އަނެކަކު ވެއްދުމެވެ. އެއް މިނިޓް ތެރޭ ހަމަ ޔަގީނުން ވެސް ޑިސް އިންފެކްޓެއް ނުކުރެވޭނެއެވެ.

ޓެސްޓް ކުރަން ސާމްޕަލް ދިނުމަށް ފަހު ނަތީޖާ ލިބެން ދެން ގޭގައި މަޑުކޮށްލާށެވެ. ތިމާ އާއި އެއްތާވާ މީހުން މަދުކުރުމުގެ އިޚްތިޔާރު އޮތީ ތިމާ އަމިއްލަ އަތުގައެވެ. ރައްކާ ވެ ތިބިއްޔާ ދަތުރެވެ. ފަރުދީ ޒިންމާ ފުރުހަމަ ގޮތުގައި އަދާ ކުރާ ބަޔަކަށް ވަމާ ހިނގާށެވެ.

އެޑިޓަރުގެ ނޯޓް: މިއީ ކ.ތ.ޒ ގާފުގެ ކޮލަމް ސެކްޝަނަށް ލިޔެފައިވާ ލިއުމެކެވެ. މި ލޔުން ޝާއިއުކޮށްފައި މިވަނީ ގާފުގެ އެޑިޓޯރިއަލް މިންގަނޑުތަކަށް ފެތޭގޮތަށް، ލިއުމަށް އުނި އިތުރު ގެނައުމަށްފަހުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ