logoEN
cocacola
ކަރަންޓީނަށް ސަމާލުވޭ! ތަކްލީފާއި ވޭން އޮތީ މުޅި ރަށަށް!

ކަރަންޓީނަށް ސަމާލުވޭ! ތަކްލީފާއި ވޭން އޮތީ މުޅި ރަށަށް!

# ކޮވިޑް19# ރިޕޯޓު# ކަރަންޓީނަށް ސަމާލުވުން# ކަރަންޓީން

IMG_0797-1536x864

ހުވަދު އަތޮޅު ދެކުނުބުރި ވެރިކަން ކުރާރަށް ގދ. ތިނަދޫ އަކީ ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން އެންމެ ގިނަފަހަރަށް އަރާ ފޭބުން މަނާކުރި އެއްރަށޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަތޮޅުގެ އެހެން ރަށްރަށުން ޚިދުމަތް ހޯދަން އަންނަ މައި މަރުކަޒަށް ވެފައިވާ ތިނަދޫއަށް އަރައިފޭބުން މަނާކުރާ ކޮންމެ ފަހަރަކީ ޚާއްސަކޮށް މުޅި އަތޮޅުގެ ރައްޔިތުންނަށް އެތަކެއް ތަކްލީފެއް ކުރިމަތިވާ ވަގުތެކެވެ.

ގޮސިޔާ

ދައްކަން މިއުޅެނީ ކޮވިޑް19 ހާއްސަ ހާލަތާ ގުޅިގެން އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅިގެންދިޔަ ފިޔަވަޅުތަކުގެ ވާހަކައެވެ. ހާއްސަކޮށް ކަރަންޓީންގެ ވާހަކައެވެ. ކޮވިޑް ބަލިމީހަކާ ކޮންޓެކްޓް ވެގެން ނުވަތަ މުޖުތަމައު ތެރެއަށް ބަލިފެތުރިފައިވާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ މީހުން ވަކި މުއްދަތަކަށް އެކަހެރި ތަނެއްގައި ތިބެން ޖެހޭ ގޮތަށް ގަވާއިދެއް ވަނީ އެކުލަވާލެވިފައެވެ.

މިވަގުތު ރާއްޖޭގައި އެންމެ ވަރުގަދައަށް ބަލިފެތުރިފައިވާ މާލެއިން އަތޮޅުތެރޭ ރަށްތަކަށް ދަތުރުކުރާ މީހުން ކަރަންޓީން ކަންތައް ހަމަޖެހިފައި މިވަނީ އެންމެ ރަނގަޅަށްތޯ ކަމާބެހޭ އިދާރާތަކުން ވިސްނަން އެބަޖެހެއެވެ.

މާލެއިން ދަތުރުކޮށްފައި ކަރަންޓީނަށް އަންނަމީހާ ބަލާ އެއާޕޯރޓަށްދަނީ ރަށާއި އެއާޕޯރޓާ ދެމެދު އާންމު މީހަކު ދުއްވާ ކުލީ ލޯންޗެކެވެ. އެއް ފްލައިޓަކުން ދަތުރުކޮށްފައި އަންނަ ތިން ހަތަރު މީހަކު އެއްފަހަރާ އެއާޕޯރޓަށް ބަލައިދާ އާއިލާ މީހުންނާ ވެސް އެއްކޮށް ރަށައް އަންނަނީ އެ ލޯންޗްގައެވެ. ގެންނަ މުދާ އުފުލަނީ ލޯންޗް ދުއްވާ މީހުންނާއި ފަޅުވެރިންނެވެ. ރަށަށް އައިސް ފާލަމުން ކަރަންޓީންވާން ހަމަޖައްސާފައި ހުންނަތަނަށް ދަނީ ރަށުގަ އާންމު މީހަކު ދުއްވާ ޓެކްސީއެއްގައެވެ. ގެންނަ ހުރިހާ މުދަލެއް އަރުވާ ބާލަނީ ރަށުގެ އާންމު ރައްޔިތުންނަށްވެސް ހިދުމަތްދޭ ޓެކްސީ ޑްރައިވަރެވެ.

އަދި މިވަރަކުން ނިމުނީކީނޫނެވެ. ކަރަންޓީނަށް އައްނަމީހުން ކަރަންޓީން ވުމަށްފަހު ކަރަންޓީންވާ ތަނުގައި ބަޔަކު ކަރަންޓީންގައި ތިބިކަން އަންގައިދޭ ލިޔުމެއް ހަރުކުރެވިފައި ހުންނަންޖެހޭ ކަމަށް ގަވާއިދުގައި އޮވެއެވެ. ނަމަވެސް މި ފަހަކަށް އައިސް މިބުނާ ލިޔުން ހަރު ކުރަންވެސް ކަމާބެހޭ އިދާރާތަކަށް މިހާރު އާދެވޭ ކަމަށްވަނީ ތިން ހަތަރު ދުވަސް ފަހުންނެވެ. އެއްވެސް ގޮތަކަށް މި ލިޔުން ހަރުނޮކޮށް ހުއްޓާ ކަރަންޓީންގެ މުއްދަތް ހަމަވާ ފަހަރުވެސް މިފަހަކަށް އައިސް މަދެއްނޫނެވެ.

ކަރަންޓީނަށް އަންނަމީހުން ރަށުތެރޭ އެތަންމިތާ އުޅޭއިރު މިކަން ފެންނަ ބަޔަކުނެތެވެ. ކަރަންޓީންގައި ތިބޭމީހުން ގާތަށް އާއިލާމީހުން ތިން އިރަށް ޒިޔާރަތްކޮށް ގިނަވަގުތު ހޭދަކުރަނީވެސް ކަރަންޓީންގައި ތިބޭމީހުންނާ އެކުގައެވެ. އެތަނަށް މީހުން ވަދެނިކުމެ ހަދާއިރު އެކަންވެސް ފެންނާނެ ބަޔަކުނެތެވެ. މިއީ މިފަހަކަށް އައިސް ތިނަދޫގައި ކަންކަން ހިގަމުން އަންނަ އުސޫލެވެ.

ކަރަންޓީންގެ މުއްދަތް ހަމަވެގެން ޓެސްޓް ހަދާއިރު ފައްސި ވެއްޖެ ނަމަ ކޮންޓެކްޓްވީ މީނުންގެ އަދަދު 100 އިން މައްޗަށްދާ ފަހަރު މަދެއްނޫނެވެ. މިފަހުންވެސް އެފަދަ ކަންކަން ޚަބަރުތަކުގެ ފަލަ ސުރުޚީ ތަކުން ދަނީ ފެންނަމުންނެވެ. މިކަމުގެ ސަބަބުން މުޅި ރަށުގެ ރައްޔިތުން ނުރައްކަލަކަށް ވެއްޓިގެން އެބަދެއެވެ. މިހެން މީހަކު ފައްސިވާ ގިނަފަހަރު ތަކުގައި ރަށަށް އަރާ ފޭބުން މާނާކުރެވެއެވެ. މިކަމުގެ ސަބަބުން ކިޔަވާ ކުދިންނަށް އެތައް ގެއްލުމެއް އެބަލިބެ އެވެ. ރަށުގެ ވިޔަފާރިތަކަށް ގުނާ އަދަދު ނުކުރެވޭ ވަރަށް ގެއްލުން ލިބެމުންދެއެވެ. އާންމު ދިރިއުޅުމުގައި އެތަކެއް ތަކުލީފަކާ ކުރިމަތިލާންޖެހެއެވެ.

ދެން ޖެހިލާނީ މީގެ ދުވަސް ކޮޅެއް ކުރިޔަށެވެ. ކޮވިޑްގެ ބަލިމަޑުކަން ފެށިގެން އައިއިރު މާލެއިން ރަށަށް މީހަކު ކަރަންޓީނަށް އައްނަ ނަމަ މާލެއިން އަންނަ މީހުން ބަލާ އެއާޕޯރޓަށް ދަނީ ހޮސްޕިޓަލުގެ ސީއެމްބިއުލާސްއެވެ. ފާލަމުން ކަރަންޓީންގައި ހުންނަ ތަނަކަށް ގެންދަނީ ހޮސްޕިޓަލްގެ އެމްބިއުލާންސްގައެވެ. އެމީހަކު އެތަނަށް ގެންދެވޭއިރު ނޯޓިސް ހުންނަނީ ހަރުކުރެވުފައެވެ. ކަރަންޓީންގައި ތިބޭ މީހުންނަށް ދުވާލަކު ދެ ފަހަރަށް ގުޅާ އެމީހުންގެ ހާލަތު ދެނެގަނެވެއެވެ. އޭރު ކަރަންޓީންގައި މަންމަ ހުއްޓަސް ބައްޕަ ހުއްޓަސް އެތަނެއް ފެންނަ ހިސާބައްވެސް ދަރިންނަށްވެސް ނުދެވެއެވެ. އަދި އެޅިފައި ހުރި ފިޔަވަޅުތަކުގެ ވަރުގަދަކަމުން އެއްވެސް މީހަކަށް ކަރަންޓީން އުސޫލްތަކާ ހިލާފްވާކަށްވެސް ނުކެރެއެވެ.

ކޮވިޑްގެ އެކި ވައްތަރުތައް ފެންނަމުންދާއިރު, ފަހަރުގަ އޭރު ކޮވިޑްގެ ހާއްސަ އަދި ވަކިން ވަރުގަދަ ވައްތަރެއް އުޅުނީ ކަމަށްވެދާނެއެވެ.

ކޮންމެއަކަސް ކަމާބެހޭ އިދާރާތަކުން މިކަންކަމަށް ފަރުވާ ކުޑަކުރިތަން ނުވަތަ ލުއިދިންތަން ފެނުމުން އާންމު ރައްޔިތުންވެސް ފަރުވާކުޑަވިތަން ފެނިގެން ހިނގައްޖެއެވެ.

ތެދެކެވެ ފަރުދީ ޒިންމާއަކީވެސް އޮންނަ އެއްޗެކެވެ. ނަމަވެސް ގިނަ ދިވެހިން ގަބޫލު ކުރާ އާންމު އެއް އުސޫލަކީ ކަމެއްގެ ޒިންމާ ބަޔަކާ ހަވާލު ކުރެވިއްޖެނަމަ އެކަމެއް ހިނގާނުހިނގާގޮތް ބެލުމާއި އެކަމެއް އެއްމެރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަކީ އެކަމަކާ ހަވާލުވާ ބައެއްގެ އެކަނި ޒިންމާއެއް ކަމެވެ. އެކުރަން އުޅޭކަމެއްގައި ކިތަންމެ ދަތި އުނދަގޫތަކާއި ނުހަނު ބޮޑަށް އާންމު ރައްޔިތުންގެ އެހީތެރިކަމަށް ބޭނުންވި ކަމުގައި ވިޔަސް ބަޔަކާ ހަވާލު ކޮށްފައިވާ ކަމަކަށްވާތީ ކުރާނެ ކަމަށް ބަލައިގެން ތިބުން މިއީ އާންމު އުސޫލެވެ. އަދި ވަކިން ހާއްސަކޮށް ސަރުކާރު މުއައްސަސާއަކުން ދޭ ހިދުމަތެއްނަމަ އެތަނަކަށް ބަރޯސާވެގެން ތިބުމަކީ ޒަމާނުއްސުރެން މިކަން ހިނގަމުން އައްނަ ގޮތެވެ. ނަމަވެސް މިބަލިމަޑުކަމަކީ ކަމާބެހޭ އިދާރާތަކުން އެކަނި މަސައްކަތް ކޮށްގެން އަރައިގަނެވޭނެ ކަމެއްނޫނެވެ.

ސިއްހީ ހިދުމަތްތެރިން މި ބަލިމަޑުކަމާއި ގުޅިގެން ކުރަމުން ދަނީ ވަރަށް ބުރަ އުނދަގޫ މަސައްކަތެކެވެ. އަމިއްލަ ފުރާނަ އަތް މަައްޗަށްލައިގެން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުން ދާ މަސައްކަތައް ޝުކުރު ހައްގެވެ. އަދި މި ބުރަ, ބޮޑު މަސައްކަތުގައި އާންމު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ނުލިބި މިކަން ކާމިޔާބު ނުވާނެއެވެ.

ރަށަކަށް އަރާ ފޭބުން މަނާކުރާ ކޮންމެ ފަހަރަކު ރަށުގެ ކުދިބޮޑު އެއްމެންނަށް އަސަރުކުރެއެވެ. އެތައް ތަކުލީފެއް ތަހަންމަލް ކުރަންޖެހެއެވެ. ވިސްނާލާށެވެ. ރަށުގެ ފުރަބަންދުގެ ސަބަބަކަށް ތިމާނުވާށެވެ! ލޯބިވާ އާއިލާ މީހަކަށް ބަލި ފޯރުކޮށްދޭމީހަކަށް ތިމާނުވާށެވެ! ކަމާ ބެހޭ އިދާރާތަކުގެ މަސައްކަތް ކޮންމެ ގޮތަކަށް ހުއްޓަސް ފަސްޖެހުމެއްނެތި ފަރުދީ ޒިންމާ އަދާ ކުރައްވާށެވެ. މިކަމުން އަރައިގަނެވޭނީ އެންމެން އެއްކޮށް މަސައްކަތް ކޮށްގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ