logoEN
WAMCO TOP 1
އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް އިފްތިތާހުކޮށް، ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް އިފްތިތާހުކޮށް، ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

8/12/2026, 4:15:33 PM

# އެމްއޭސީއެލް

-

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އެ ކުންފުނީގެ "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" (އެއިމް) ރަސްމީކޮށް އިފްތިތާހުކޮށް، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

THE TRAVELLER AD

ހުޅުލެ އައިލެންޑް ހޮޓަލުގެ ބޯލްރޫމްގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީއެވެ. މި ރަސްމިއްޔާތުގައި ޗާންސެލަރގެ އަރިހުގައި އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދާއި ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއީއޯ އިބްރާހީމް ޝަރީފެވެ. އަދި ކޯހުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ޚާއްސަ އެވޯޑްތައް ހަވާލުކޮށްދެއްވީ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ، އޭ.އައި.އެމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އަދި މި އިންސްޓިޓިއުޓަކީ އެއަރޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމް.އޭ.ސީ.އެލް އިން ދިގު މުއްދަތަކަށް ގެންގުޅޭ ތަސައްވުރު ރަމްޒުކޮށްދޭ ތަނެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޗާންސެލަރ ޑރ. މަހުމޫދު ޝައުގީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތައުލީމީ އަދި ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ތައުރީފު ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޖުމްލަ 29 ދަރިވަރުން ވަނީ އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކަށް ފެތޭގޮތަށް، ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ފަރުމާކޮށްފައިވާ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެކެވެ. ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހަކީ އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ކޯހެކެވެ. މި ޕްރޮގްރާމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތުގެ ބައެކެވެ.

ކޮމެންޓް
ފަހުގެ
HDC