
ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި
# އަރަބިއްޔާ ސްކޫލް# ރައީސް މުއިއްޒުފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ޚަރަދުގައި ބިނާކުރާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މިހާރު ޢިމާރާތް ކުރެވެމުންދާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތުގެ މަސައްކަތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން 12 ނޮވެމްބަރ 2024 ގައި އާރް.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އިސްމާޢީލް ޝަފީޢުގެ އިތުރުން އާރް.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ޢަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންގެ އިތުރުން މަތީ ތަޢުލީމު ހާސިލްކުރުމަށް އެދިއެދި ތިބި ބައެއް ދަރިވަރުން ވަނީ އެމަނިކުފާނާ ބައްދަލުކުރައްވާ، އެދަރިވަރުންގެ ޝުއޫރުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެދަރިވަރުންގެ ޝުއޫރުތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދަރިވަރުން ހިއްސާކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެއްވެންހުރި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވައި ސަރުކާރުން މަތީ ތަޢުލީމަށް ދެއްވާ ޚާއްސަ އިސްކަން ފާހަގަކުރައްވާފައެވެ.
ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް 31ޑިސެމްބަރ 2026ގެ ނިޔަލަށް ނިންމާ، އަންނަ 2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގައި ކިޔަވައިދޭން ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. 8 ފަންގިފިލާއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ސްކޫލުގެ ކްލާސްރޫމްތަކާއެކު ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ އިތުރު ވަސީލަތްތައް ގާއިމުކުރެވޭނެވެ.
ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މި ސްކޫލްގެ މަސައްކަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ރަނގަޅު ފެންވަރުގައި ކުރިއަށްގެންގޮސް ނިންމާ، ހުޅުވައި، ކިޔަވައިދޭން ފެއްޓުމަށް ކުރެވޭ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އަހަންމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.
ގުޅުންހުރި

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ޒުވާނުންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ބާރު - އެމީހުންގެ ލަނޑުދަނޑިތަކަކީ ޤައުމުގެ މުސްތަޤުބަލު ބިނާކޮށްދޭނެ މުހިންމު އަސާސެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ޕީ.ޖީ.އޯ 2.0 އިފްތިތާޙުކޮށްދެއްވައިފި




