
ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި އޮފިސަރުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ސަލާމަތީ ބާރުތަކުގެ ވެރިން މަޖިލީހަށް ހާޒިރުކުރަނީ
# މެމްބަރު ކުޑޫ-
މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ހިންގި ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ދެ ފުލުހަކު މަރުވެ، ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިފައިވާތީ، އެކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ސަލާމަތީ ބާރުތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް އެދިއްޖެއެވެ.

މި ހުށަހެޅުން ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ކައިރިކައިރީގައި ހިނގި އެކި ހާދިސާތަކުގައި ހަތަރު އޮފިސަރަކު މަރުވެ އަދި ގެއްލިފައިވާއިރު، އެކަމުގައި އެއްވެސް އިދާރާއެއްގެ އިހުމާލެއް ނުވަތަ މަސްއޫލިއްޔަތު އަދާނުކޮށް އޮތްތޯ ބެލުމަށް ރަސްމީ ތަހުގީގެއް ހިންގާފައިވޭތޯ ސާފުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ކަނޑުމަތީގެ ނުރައްކާތެރި އޮޕަރޭޝަންތަކުގައި 'އޮފިސާ ސޭފްޓީ' އާއި ސަލާމަތީ މިންގަނޑުތައް ކަނޑައެޅިފައިވާ ގޮތާއި، މެރިޓައިމް އޮޕަރޭޝަން ސެންޓަރުތަކުގައި އެކަށީގެންވާ ވަސީލަތްތަކާއި ތަމްރީނު ލިބިފައިވާ މުވައްޒަފުން ތިބިތޯ ބެލުމަށްވެސް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
ކުޑޫ ހުށަހަޅުއްވާފައިވާ ސުވާލުތަކުގެ ތެރޭގައި:
- ވ. އަތޮޅު ކޭވް ޑައިވް އޮޕަރޭޝަނާއި، މަސްތުވާތަކެތީގެ އޮޕަރޭޝަންގެ އިތުރުން ހުވަދު އަތޮޅުގައި ދޯނި ބަންޑުންޖަހާލި ހާދިސާގައި ރިސްކު އެސެސްމެންޓް ހެދި ގޮތް.
- ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް މަދުކުރުމަށް ސަލާމަތީ ސިޔާސަތުތަކަށް ގެންނަ ބަދަލުތައް.
- ވާޖިބު އަދާކުރުމުގެ ތެރޭގައި މަރުވި އަދި ގެއްލުނު އޮފިސަރުންގެ އާއިލާތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން މާލީ ބަދަލާއި އިނާޔަތްތައް ދިނުމަށް ނިންމާފައިވޭތޯ ސާފުކުރުން.


.jpg&w=3840&q=75)

