
-
ކުޅުދުއްފުށި ސިޓީ ކައުންސިލުން، އެ ސިޓީގެ ސަރުކާރުގެ 3 ސްކޫލަކަށް މި އަހަރު ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސްކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށްޓަކައި، ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ގެ ގްރާންޓެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުޅުދުއްފުށި ސިޓީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލަކީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، ޖަލާލުއްދީން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލެވެ.
ކައުންސިލުން ފާހަގަކޮށްފައިވާގޮތުގައި، މި ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގުސަދަކީ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ވަސީލަތްތައް ތަރައްގީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުމެވެ. މީގެ އިތުރުން، ސްކޫލްތަކުގެ ޕީޓީއޭއިން ސްކޫލުގެ ތަރައްގީއަށް ފަންޑު ހޯދުމަށް ކުރަމުންއަންނަ މަސައްކަތްތައް ފާހަގަކޮށް، އެފަދަ ކަންކަމަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި މަޝްރޫއުގެ މުހިންމު އަމާޒެކެވެ.
މި ގްރާންޓް ޕްރޮގްރާމްގެ ދަށުން މީގެ ކުރިންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ދޫކޮށްފައިވާއިރު، 2022 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 50،000 ރުފިޔާ ދޫކޮށްފައިވާކަން ކައުންސިލުން ފާހަގަކުރެއެވެ.


.jpg&w=3840&q=75)



