
--
މާވެލްގެ މަޝްހޫރު ސުޕަރހީރޯ 'ސްޕައިޑަރ-މޭން' އަކީ އެންމެންވެސް ދަންނަ ކެރެކްޓަރެކެވެ. ނަމަވެސް އަސްލު ދުނިޔޭގައި ސްޕައިޑަރ-މޭން އާ އެއްގޮތް ސިފަތަކެއް ލިބިފައިވާ ތަފާތު ބޮނޑެއް އުޅޭކަން ގިނަ ބަޔަކަށް ނޭނގިދާނެއެވެ.

މި ޚާއްޞަ ބޮނޑަށް ކިޔަނީ "މްވާންޒާ ފްލެޓް-ހެޑެޑް ރޮކް އަގާމާ" އެވެ.
މީގެ ފިރިހެން ބޮނޑުގެ ބޮލާއި ހަށިގަނޑުގެ މަތީބައިގައި ގަދަ ރަތް ނުވަތަ ދަނބު ކުލައެއް ހުންނައިރު، ހަށިގަނޑުގެ ތިރީބައިގައި ހުންނަނީ ގަދަ ނޫކުލައެކެވެ. ގުދުރަތީ ގޮތުން ލިބިފައިވާ މި ކުލަތަކުގެ ސަބަބުން، މިއީ ހަމަ ސީދާ ސްޕައިޑަރ-މޭންގެ ސޫޓުކަމަށް ބަލާބެލުމަށް ސިފަވެއެވެ. އާންމު ނަމެއްގެ ގޮތުން މިއަށް 'ސްޕައިޑަރ-މޭން ބޮނޑު' ކިޔަނީވެސް މި ސަބަބަށްޓަކައެވެ.
މި ތަފާތު ބޮނޑު މައިގަނޑު ގޮތެއްގައި ފެންނަނީ އިރުމަތީ އެފްރިކާގެ ގައުމުތައް ކަމަށްވާ ޓެންޒޭނިއާ، ކެންޔާ އަދި ރުވާންޑާ ފަދަ ގައުމުތަކުގެ ގައުމީ ޕާކުތަކާއި ހިލަ ގިނަ ސަރަހައްދުތަކުންނެވެ. އޭގެ ތެރޭގައި ޓެންޒޭނިއާގެ މަޝްހޫރު ސެރެންގެޓީ ނޭޝަނަލް ޕާކާއި، މްވާންޒާ ސަރަހައްދު ފަދަ ތަންތަން ހިމެނެއެވެ.
މިއީ އިންސާނުންނަށް އެއްވެސް ނުރައްކާތެރިކަމެއް އޮތް ޖަނަވާރެއް ނޫނެވެ. ދުވާލުގެ ހޫނު ގަޑިތަކުގައި ހިލަގަނޑުތަކުގެ މަތީގައި ތިބޭ މަންޒަރު އާންމުކޮށް ފެންނަ މި ބޮނޑަކީ، ވަލުޖަނަވާރުތަކުގެ ފޮޓޯނަގާ ފަރާތްތަކާއި، ގުދުރަތީ ރީތިކަމަށް ލޯބިކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ.




