logoEN
WAMCO TOP 1
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް 3،000 އަށް އަރައިފި: އާންމުންގެ އަތުން 35 މިލިއަން ރުފިޔާ ގެއްލިއްޖެ

ރާއްޖޭގައި ސްކޭމްގެ މައްސަލަތައް 3،000 އަށް އަރައިފި: އާންމުންގެ އަތުން 35 މިލިއަން ރުފިޔާ ގެއްލިއްޖެ

އަހުމަދު ޝުރާއު

logo

8/10/2026, 9:30:55 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސްކޭމް ނުވަތަ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގެ އަދަދު 3،000 އަށް އަރައިފިއެވެ.

THE TRAVELLER AD

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މައްސަލަތަކުގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ވަނީ ގެއްލިފައެވެ. އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 13 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. އެގޮތުން ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1،196 މައްސަލައެއްގައެވެ.

އަދި އިތުރު 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވާއިރު، މިއިން ދައްކައިދެނީ ފައިސާ ގެއްލުމަށްފަހު އެ އަނބުރާ ހޯދުމަކީ ކިހާ އުނދަގޫ ބުރަ މަސައްކަތެއް ކަމާއި، ގިނަ ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިދިއުމުގެ ފުރުސަތު ބޮޑުކަމެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކެވެ. މިފަދަ 1،478 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 މައްސަލައާއި، އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި 439 މައްސަލަވެސް މީގެ ތެރޭގައި ހިމެނެއެވެ.

މިފަދަ ސްކޭމްތައް އެންމެ ގިނައިން ހިންގާފައިވަނީ އާންމުން ކޮންމެ ދުވަހަކު ބޭނުންކުރާ މަންސަތައް ކަމަށްވާ ފޭސްބުކް މާކެޓްޕްލޭސް އާއި ވައިބަރ މެދުވެރިކޮށެވެ. އޭގެ އިތުރުން ފޭސްބުކްގެ އާންމު ޕޭޖުތަކާއި، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ވަސީލަތްތައް ބޭނުންކޮށްގެންވެސް މިފަދަ އަމަލުތައް ހިންގާފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މިފަދަ އޮޅުވާލުންތަކުގެ ޝިކާރައަކަށް ނުވުމަށްޓަކައި ފައިސާގެ މުއާމަލާތްތައް ކުރުމުގައި އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ ނުވަތަ ލިބޭ ކޮންމެ މެސެޖަކާއި ކޯލަކީ ތެދު މައުލޫމާތު ކަމަށް ނުބެލުމަށާއި، އަމިއްލަ މައުލޫމާތު ހިއްސާކުރުމުގެ ކުރިން މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީންކުރުމަށް ވަނީ އެދިފައެވެ.

އަދި އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި، އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑްތަކަށް ސަމާލުވުމަށްވެސް ފުލުހުން އިރުޝާދުދެއެވެ. ޝައްކުއުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް އެންގުމަށް އިލްތިމާސްކުރަމުން، ސްކޭމްގެ 3001 ވަނަ މައްސަލައަކީ ތިމާއަށް ކުރިމަތިވާ ހާދިސާއަކަށް ނުހެދުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ކޮމެންޓް
ފަހުގެ
HDC