
-
ސައޫދީ އަރަބިއްޔާގެ ރެޑް ސީ ސަރަހައްދުގައި، ޔަމަނުގެ އިންތިމާޔާ ކައިރީގައިވާ ޖީޒާންގައި ހުންނަ ސައޫދީ އަރާމްކޯގެ ތެޔޮ ރިފައިނަރީއަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ހޫތީ ޖަމާއަތުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އަލް މަސީރާ ޓީވީ މެދުވެރިކޮށް ހޫތީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖީޒާންގެ ތެޔޮ ފެސިލިޓީއަށް ޑްރޯން ހަމަލާތަކެއް ދީފައިވަނީ ސައޫދީ އިއްތިހާދުން ޔަމަނުގެ ސާދާ އަދި ހައްޖާ ޕްރޮވިންސަށް ދިން ޑްރޯން ހަމަލާތަކުގެ ރައްދުގައި ކަމަށެވެ.
މިއަދު ފަތިހު ދިން މި ހަމަލާގެ ސަބަބުން އަރާމްކޯގެ ފެސިލިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަން ސައޫދީގެ އެނާޖީ މިނިސްޓްރީންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެނާޖީ މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި ފަޔަރފައިޓަރުން ވަނީ ފަތިހު ރޯވި އަލިފާންގަނޑު ކާމިޔާބުކަމާއެކު ނިއްވާލާފައެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ސައޫދީ ކުޅިވަރާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.
ރޮއިޓަރސްއިން އައިއައިއާރު ކޮންސަލްޓެންސީ ފާމަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޫތީންގެ ހަމަލާތަކާއި ގުޅިގެން އަރާމްކޯއިން ވަނީ ދުވާލަކު 400,000 ބެރެލްގެ ތެޔޮ ސާފުކުރާ ޖީޒާން ރިފައިނަރީގެ އޮޕަރޭޝަންތައް ޖުލައި 27 އިން ފެށިގެން ވަގުތީ ގޮތުން ހުއްޓާލާފައެވެ. މި ހަމަލާގައި ރިފައިނަރީގެ އިންޓަގްރޭޓެޑް ގޭސިފިކޭޝަން ކޮމްބައިންޑް ސައިކަލް (އައިޖީސީސީ) ކޮމްޕްލެކްސްއަށާއި ތެޔޮ ރައްކާކުރާ ޓޭންކް ފާމް ސަރަހައްދަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
ޔަމަނުގެ އީރާނަށް ތާއީދުކުރާ ހޫތީން މީގެ ކުރިންވެސް ސައޫދީގެ ޖީޒާންގައިވާ ތެޔޮ ފެސިލިޓީތަކަށް އެކި ފަހަރު މަތިން ހަމަލާތައް ދީފައިވާއިރު، ސައޫދީ ސަރުކާރުން ބުނާ ގޮތުގައި އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ މިލިޝިއާތަކުންވެސް މިފަދަ ހަމަލާތައް ސައޫދީގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކުރެއެވެ.
މި ހަމަލާއާއެކު ސަރަހައްދީ މަޝްރަހު އިތުރަށް ގޯސްވެ، ތެޔޮ އުފައްދާ މުހިންމު ސަރަހައްދެއްގެ ސެކިއުރިޓީއާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ގުޅުންހުރި

ސައޫދީ އަރާމްކޯގެ ތެޔޮ ރިފައިނަރީއަށް ހޫތީންގެ ޑްރޯން ހަމަލާއެއް ދީފި

ސައުދީ، ޕާކިސްތާން އަދި ތުރުކީ ގުޅިގެން ސޮއިކުރި ދިފާޢީ މުޢާހަދާއާއެކު މެދުއަރާމަތީގެ ބާރުގެ މިސްރާބު ބަދަލުވަނީ!

ސައުދީ އަރަބިއްޔާގެ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެއިން ފުރާވަޑައިގެންފި




