
އއ. އަތޮޅުގެ މަގު ހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މެޝިނަރީތައް އާރުޑީސީން ފޮނުވަން ފަށައިފި
# ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) # ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)# އއ. އަތޮޅުއއ. އަތޮޅުގެ މަގު ހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މެޝިނަރީތައް އާރުޑީސީން ފޮނުވަނީ ---
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މެޝިނަރީތައް ފޮނުވުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ.

އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މި އުޅަނދުތައް ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެ ރަށްރަށަށް ފޮނުވާލެވޭނެއެވެ.
ރަށްރަށުގެ މަގު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްފައިވާއިރު، އެ މަސައްކަތްތައް ލަސްވާ އެންމެ ބޮޑު ސަބަބަކީ ވަޞީލަތްތައް މަދުވުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ޗައިނާގެ އެހީތެރިކަމާއެކު ހޯދި އުޅަނދުތައް މިހާރު ދަނީ އެކި އަތޮޅުތަކަށް ބަހާލަމުންނެވެ. މިގޮތުން މިފަހަރު އުޅަނދުތައް ފޮނުވަނީ އއ. ތޮއްޑޫ، ހިމަންދޫ، މާޅޮސް އަދި ރަސްދޫ އަށެވެ. މީގެ ތެރޭގައި އެކްސްކަވޭޓަރާއި، ފޯކްލިފްޓް އަދި ލޮރީ ފަދަ މަގު ހެދުމަށް ބޭނުންވާ މުހިންމު އުޅަނދުތައް ހިމެނެއެވެ.
އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ 55 ރަށަކަށް އިތުރު އުޅަނދުތައް ފޮނުވުމަށް ވަނީ ރޭވިފައެވެ. މީގެ ކުރިންވެސް ތ. މަޑިފުއްޓާއި، ގުރައިދޫގެ އިތުރުން ދ. މީދޫ އަދި އައްޑޫ ސިޓީގެ މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ވަނީ ފޮނުވާފައެވެ.
މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން ޗައިނާގެ ކުންފުންޏަކާ ގުޅިގެން 200 އަށްވުރެ ގިނަ އުޅަނދާއި މެޝިނަރީ ވަނީ ރާއްޖެ ގެނެސްފައެވެ. އަދި މި ތަކެތި ދުއްވުމާއި ބޭނުންކުރުމަށް ބޭނުންވާ ފަންނީ ތަމްރީނުތައްވެސް އާރުޑީސީގެ މުވައްޒަފުންނަށް މިހާރު ވަނީ ފޯރުކޮށްދީފައެވެ. މިއާއެކު އއ. އަތޮޅުގެ ރަށްރަށުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާނެ ކަމަށް އުންމީދު ކުރެވެއެވެ.





