ގެއްލުނު ސިފައިންގެ ބޭކަލަކީ ތިނަދޫގެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އިއްބެ: ގެއްލުނު ތިން މީހުން ހެޔޮ ހާލުގައި ފެނުމަށް އެދި މުޅި ރާއްޖެއިން ހެޔޮ ދުޢާކުރަނީ
# ސިފައިން-
ލާމު އަތޮޅުން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ފެތުނު ދޯނިން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ގެއްލުނު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (އިއްބެ / ޖެލިޔާ) އާއި އިތުރު ދެމީހުން ހެޔޮ ހާލުގައި ސަލާމަތުން ފެނުމަށް އެދި ތިނަދޫގެ ރައްޔިތުންނާއި މުޅި ދިވެހިރާއްޖެއިން އަންނަނީ ނުހަނު އިޚްލާޞްތެރިކަމާއެކު ދުޢާކުރަމުންނެވެ.

އުމުރުން 39 އަހަރުގެ އިބްރާހީމް އަޙްމަދަކީ ސިފައިންގެ ޚިދުމަތުގައި އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވަމުންދާ ބޭކަލެއްގެ އިތުރުން، ތިނަދޫގެ ފުޓްބޯޅަ އާއި ފުޓްސަލް ޓީމުތަކަށާއި ސިފައިންގެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ، ސަރަޙައްދުގެ ނަން މަޝްހޫރު ކުޅަދާނަ ކުޅުންތެރިއެކެވެ.
އިއްބެ ގެއްލުނު ޚަބަރާއެކު ތިނަދޫގެ އާންމު ރައްޔިތުންނާއި ކުޅިވަރު އާއިލާއިން ދަނީ އޭނާ ހެޔޮ ހާލުގައި ފެނުމުގެ އުންމީދުގައި ސޯޝަލް މީޑިއާގައާއި އެކި ގޮތްގޮތުން ހެޔޮ ދުޢާތައް އާކުރަމުންނެވެ.
މި ހާދިސާގައި އިއްބެގެ އިތުރުން ގެއްލިގެން ހޯދަމުންދަނީ ފުލުހުންގެ ޚިދުމަތުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33 އަހަރު) އާއި، އަޑިއަށްދިޔަ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ތިން މީހުން ގެއްލުނީ ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ދޯނި އަޑިއަށްދާން ފެށުމުން، އޭގައި ތިބި 8 ފަޅުވެރިންގެ ތެރެއިން 7 މީހުން ފުލުހުންގެ ލޯންޗަށް ސަލާމަތުން ނެގުމަށްފަހުގައެވެ. ދޯނީގައި ބާކީ ތިބި ކެޕްޓަން ޙަމްދޫންއާއި، އެހީތެރިވުމަށް އެރި ފުލުހުންނާއި ސިފައިންގެ ބޭކަލުން ދޯނީގެ ޕަމްޕު ޖައްސައިގެން ދިޔަ ހިއްކަން މަސައްކަތް ކުރަނިކޮށް، ދޯނި ހަމަކުއްލިއަކަށް ބަންޑުންޖަހާލީއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. އެގޮތުން ވައިގެ މަގުން ޔޫއޭވީ (ޑްރޯން) އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ބޮޑު ސަރަހައްދެއް ބަލައިފާސްކުރަމުންދާއިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ އޮޕަރޭޝަން ހިންގަމުންނެވެ.
އެންމެންގެވެސް އެދުމާއި ދުޢާއަކީ އިއްބެއާއި، ގެއްލުނު އަނެއް ދެ މީހުން ސަލާމަތްތެރިކަމާއެކު ހެޔޮ ހާލުގައި ފެނުމެވެ.
ގުޅުންހުރި
ގެއްލުނު ސިފައިންގެ ބޭކަލަކީ ތިނަދޫގެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އިއްބެ: ގެއްލުނު ތިން މީހުން ހެޔޮ ހާލުގައި ފެނުމަށް އެދި މުޅި ރާއްޖެއިން ހެޔޮ ދުޢާކުރަނީ

އެކްސަސައިޒް ޕްރަގާޓީ 2026ގައި 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއްޖެ

ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން ހާލު ދެރަވި ސިފައިންގެ ޑައިވަރު ނިޔާވެއްޖެ




