
ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވައި ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި: 20 އަހަރުގެ ޒުވާނަކު ހައްޔަރަށް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން 20 އަހަރުގެ ދިވެހި ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މ. ޖެންޝަން، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު، ހިތިގަސްމަގުން ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވައިގެންނެވެ.
އެ ސައިކަލު ހުއްޓުވިއިރު، ސައިކަލު ދުއްވަން އިން އާލިޝްގެ އަމަލުތައް ހުރިގޮތުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 19 ސެލޯފިންކޮޅު ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އަޙްމަދު އާލިޝް ޢާޞިމް ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވި މައްސަލައާއި، އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަ ދެ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.






