
ހިންމަފުށީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ- ފޮޓޯ:ފުލުހުން
ކ.ހިންމަފުށީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުން ބުނީ މިއީ ތަހުގީގު ނިމިފައިވާ މައްސަލަތަކާއި ތުހުމަތުކުރެވޭ ފަރާތެއް ނެތް މައްސަލަތަކުގައި ހިމެނޭ ބަނގުރާތައް ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ ނައްތައިލާފައިވަނީ އެ ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 142 ބިޔަރު ދަޅާއި 22 ބަނގުރާ ފުޅި ކަމަށެވެ. އަދި މި ތަކެއްޗަކީ ބަނގުރަލާ ގުޅޭ އެކި މައްސަލަތަކުގެ ތެރެއިން ތަހުގީގު މަރުހަލާ ފުރިހަމަވެފައިވާ މައްސަލަތަކާއި ވަކި މީހެއްގެ މައްޗަށް ތުހުމަތު ނެތް ގޮތަށް ގެނެސްފައިވާ މައްސަލަތަކުގައި ހިފަހައްޓާފައި ހުރި ތަކެތި ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ ނައްތައިލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެދަށުން ކަމަށް ފުލުހުން ބުންޏެވެ.






