
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ- ފޮޓޯ: ފުލުހުން
މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފ.ފީއަލި/ ޝަބްނަމީގެ، ޝިޢާން އަހްމަދު (20އ) ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ 2 ވަނަ ދުވަހުގެ ރޭ ހިޔާ ފްލެޓް ސަރަހައްދުން ކަމަށް ފުލުހުން ބުންޏެވެ.
އެ ސަރަހައްދު ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު ޝިއާން އަށް ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލާ ފިލަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ފާހަގަކުރި އެވެ. އަދި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ތަކެތީ ބަރުދަނަކީ 24.80 ގުރާމް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.






