
އުކުޅަހުގައި 50 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި
# އއ. އުކުޅަސް# ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓް ބިނާކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުން ---
އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓް ބިނާކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢުގެ ފެށުން ފާހަގަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އުކުޅަހުގައި ބޭއްވި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އަލްޓެކް މޯލްޑިވްސްގެ މެނޭޖަރ އިބްރާހިމް އަޒީމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށު ކައުންސިލާއި، އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ރައްޔިތުންވެސް މި ހަފްލާގައި ބައިވެރިވިއެވެ.
އަލްޓެކް މޯލްޑިވްސްއާ މި މަސައްކަތް ހަވާލުކުރީ 6 ނޮވެމްބަރު 2023 ގައެވެ. މި މަޝްރޫޢު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ އެއް އަހަރާއި ހަތް މަސް ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާ 50 ހައުސިންގ ޔުނިޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
އުކުޅަހުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްދަނީ އެ ރަށުން އަލަށް ހިއްކި ސަރަޙައްދުގައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސް ޑރ. މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި، ހައުސިންގ ޔުނިޓްތަކުގެ އިތުރުން އެ ބިމުން 250 ގޯތި ދޫކުރައްވާނެކަން ވަނީ އިޢުލާން ކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ގާތްގަނޑަކަށް 1200 މީހުންގެ އާބާދީއެއް އޮންނަ އުކުޅަހުގައި 2023 ވަނަ އަހަރު ވަނީ 13 ހެކްޓަރުގެ ބިން ހިއްކާފައެވެ.
މީގެ އިތުރުން، އުކުޅަހުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެ ރަށުގައި 5 ޓަނުގެ އައިސްޕްލާންޓެއް ބެހެއްޓުމަށްވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.





