
ފޮޓޯ: މިނިސްޓްރީ
އޮގަސްޓް 03 އިން 04 ގެ ނިޔަލަށް ފިލިޕީންސްގެ މެނިލާގައި ކުރިއަށްދިޔަ "ޔުނައިޓް ގްލޯބަލް ސަމިޓް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަނނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ އަލީއެވެ.
މީގެއިތުރުން، މިނިސްޓްރީގެ ސީނިއަރ އޮފިޝަލުންވެސް މި ސަމިޓުގައި ބައިވެރިވެވަޑައިގެން، ސަމިޓުގެ ތެރެއިން މުހިންމު ބައްދަލުވުންތަކެއް ބާއްވަވައި، މުހިންމު ދާއިރާތަކުން ބަޔާންތައް ދެއްވާފައިވެއެވެ.
ޔުނައިޓް ގްލޯބަލް ސަމިޓަކީ މަޖިލިސް މެންބަރުންނާއި ދުނިޔޭގެ ޞިއްޙީ ދާއިރާގެ ވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާއްވާ ދުނިޔޭގެ އެންމެ އިސް އެއް ފޯރަމެވެ. ކެނެޑާގެ ޚާރިޖީ އަދި ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރިސާޗް ފަންޑެއް ކަމަށްވާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ރިސާޗް ސެންޓަރު (އައިޑީއާރުސީ) އާ ގުޅިގެން ބާއްވާ ޔުނައިޓް ގްލޯބަލް ސަމިޓުގެ ފަސްވަނަ ބައްދަލުވުމުގައި މިއަހަރު އަލިއަޅުވާލީ "ޞިއްޙީ ފަރަގު ކުޑަކުރުން: އިންވެސްޓްކުރުމަށް ސިޔާސީ ހިތްވަރު" މި މައުޟޫޢުގެ މައްޗަށެވެ.
މި ސަމިޓުގައި މަޖިލިސް މެންބަރުންގެ ސަމާލުކަމަށް ގެނައީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ، ސިއްޙީ ހިދުމަތްތައް ހަމަހަމަކަމާއެކު ހޯދުމުގައި ހުރި ބޮޑެތި ފަރަގުތަކުގެ މައްޗަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި ޞިއްޙީ ނިޒާމުތައް ވަރުގަދަކުރުމަށްޓަކައި، ސިޔާސީ އިސްވެރިންގެ ބައިވެރިވުމާއި އިސްނެގުން ވަރަށް މުހިންމެވެ.
މި ސަމިޓުން މަޖިލިސް މެންބަރުންނަށާއި ކަންކަމުގައި ގޮތް ނިންމާ އިސްފަރާތްތަކުގައި އެދުނީ، ސިޔާސީ މަސައްކަތްތަކުގައި ޞިއްޙީ ދާއިރާއަށް އިސްކަންދިނުމަށާއި، ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށެވެ. އަދި އެއްވެސް މީހަކު ބާކީނުކޮށް، އެންމެންނަށް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ ސިޔާސަތުތަކަށް ތާއީދުކޮށް ކުރިއެރުވުމަށެވެ. މީގެއިތުރުން، ސިއްހީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކާ ގުޅިގެން ޞިއްޙީ ނިޒާމު ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކޮށް، މުޅި މުޖުތަމައަށް އޭގެ ސަބަބުން ކުރާނެ ފައިދާތަކާ މެދު މި ސަމިޓުގައި މަޝްވަރާކުރިއެވެ.
މި ސަމިޓުގެ ތެރެއިން މިނިސްޓަރ ޤީލާ އަލީ ވަނީ ފިލިޕީންސްގެ ޑިޕާޓްމަންޓް އޮފް ހެލްތުގެ އެސިސްޓަންޓް ސެކްރެޓަރީ މޭލިން ބެލްޓްރަން އާއި، ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަންގެ ކޮމިޝަނަރ ޑރ. ޝާލީ ކަސްޓެނެޑާ އަގްރުޕިސް އާއެކު ވަކިވަކިން ބައްދަލުކުރައްވައި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ޕެންޑެމިކް ފަންޑުގެ އެގްޒެކެޓިވް ހެޑް ޕްރިޔާ ބާސޫ އާއި ޔުނައިޓްގެ ރައީސް ޑރ. ރިކާޑޯ ބަޕްޓިސްޓާ ލެއިޓޭއާ ބައްދަލުކުރައްވައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އެއް ބޯޑް މެމްބަރެއްގެ ހައިސިއްޔަތުން، ފެންޑެމިކްތަކަށް ތައްޔާރުވުމަށާއި، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށާއި ޕެންޑެމިކްތަކަށް ތައްޔާރުވުމަށް ރާއްޖެއިން ދޭ އިސްކަން އަލުން ތަކުރާރުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޔުނައިޓްގެ މަގުސަދުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް، ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެވުނެވެ. އަދި ފިލިޕީންސްގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ކޮމިޓީއާ ބައްދަލުކުރައްވައި، ދަރިވަރުންގެ ހާލަތު އޮޅުންފިލުއްވައި، ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ފިލިޕީންސްގެ މެނިލާގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް، މިސްޓަރ ބެނިޓޯ ސީ. ބެންގްޒޮން ޖޫނިއަރ އާއެކުވެސް ބައްދަލުކުރެއްވިއެވެ.
މި ސަމިޓަކީ ދުނިޔޭގެ ޞިއްޙީ ދާއިރާގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.





